ހއ. މާރަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ރ. އިންނަމާދޫ ފަތާ ސަރަހައްދު ހެދުމުގެ މަޝްރޫޢު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
އެމްޓީސީސީއިން ބުނި ގޮތުގައި، ހއ. މާރަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން 939 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި، 190 މީޓަރުގެ ގްރޮއިން ޖެހުމާއި، 312 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ އިތުރުން 82,300 މީޓަރުގެ ލޯ ކްރެސްޓް ބޭރުތޮށި ލުން ހިމެނެއެވެ. ޖުމްލަ 19.99 މިލިއަން ރުފިޔާއަށް އެ ކުންފުންޏާ ހަވާލުކުރި މި މަޝްރޫއަކީ 360 ދުވަސް ތެރޭގައި ނިންމަންޖެހޭ މަޝްރޫއެކެވެ.
ރާއްޖޭގެ ގިނަ ރަށްތަކެކޭ އެއްފަދައިން ހއ. މާރަންދޫއަކީވެސް ރަށްގިރުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރަށެކެވެ. މަސްވެރިކަމާއި ދަނޑުވެރިކަން ކުރާ އާބާދީއެއް އޮންނަ މާރަންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް މިއަދު ސޮއިކުރި މަޝްރޫއުގެ މަސައްކަތް ނިމުމުން، ރަށްގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ބޮޑު ތަސައްލީއެއް ލިބޭނެއެވެ. ހަމައެހެންމެ، މި މަޝްރޫއާއެކު ރަށުގެ ރައްޔިތުންނަށް ހިތްފަސޭހަ އަދި ރީތި ގޮނޑުދޮށެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ.
އެމްޓީސީސީއިން މައުލޫމާތު ދިންގޮތުގައި، ރ. އިންނަމާދޫ ފަތާ ސަރަހައްދު ހެދުމުގެ މަޝްރޫއުގެ ދަށުން 4,100 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، 100 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ އިތުރުން 200 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ. ޖުމްލަ 23.21 މިލިއަން ރުފިޔާއަށް އެ ކުންފުންޏާ ހަވާލުކުރި މި މަޝްރޫއަކީ 180 ދުވަސް ތެރޭގައި ނިންމަންޖެހޭ މަޝްރޫއެކެވެ.