މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު، މި އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ 44.2 އިންސައްތަ އިތުރުވެ 17.37 މިލިއަން ރުފިޔާއަށް އަރާފަްައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޒަކާތު ހައުސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ޒަކާތު ފަންޑަށް ލިބިފައިވަނީ 12,040,524.09 ރުފިޔާއެވެ. އަދި 2026 ވަނަ އަހަރުގެ ޖުލައި މަހު މި އަދަދު ވަނީ 17,366,787.29 ރުފިޔާއަށް އިތުރުވެފައެވެ. މިއީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 5.33 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މުދަލު ޒަކާތުގެ އާމްދަނީ އިތުރުވުމާއެކު، މިދިޔަ ޖުލައި މަހުގެ ތެރޭގައި ޒަކާތު ފަންޑުން ތަފާތު އެހީތަކަށް 2.80 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.އެއީ:
- ފަގީރުންނާއި މިސްކީނުންނަށް: ޖުމްލަ 1.75 މިލިއަން ރުފިޔާ.
- ބޭސްފަރުވާއަށް: 1.48 މިލިއަން ރުފިޔާ.
- ބޯހިޔާވަހިކަމަށް: 155,950 ރުފިޔާ.
- ޒަރޫރީ ބޭނުންތަކަށް: 115,250 ރުފިޔާ.
ޒަކާތު ހައުސް އިން މައުލޫމާތު ދިން ގޮތުގައި، މި ހިސާބުތަކަކީ މިނިސްޓްރީ އޮފް ފައިނޭންސްގެ އެސްއޭޕީ ނިޒާމުގައިވާ ޒަކާތު ފަންޑުގެ ޚަރަދުގެ ރެކޯޑުތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ހިސާބުތަކެކެވެ. އަދި ފަހުން ގެނެވޭ އަދާހަމަތަކާއި އިތުރު ޕޯސްޓިންގތަކާ ގުޅިގެން މި އަދަދުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު މިއަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އާމްދަނީ ބޮޑުތަނުން އިތުރުވެފައިވާއިރު، ޒަކާތު ފަންޑަށް ލިބޭ ފައިސާ ބޭނުންކޮށްގެން މޯލްޑިވްސް ޒަކާތު ހައުސް އިން ދަނީ މުޖުތަމައުގައި ތިބި ނިކަމެތިންނާއި ބޭސްފަރުވާއަށް ބޭނުންވެފައިވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ އިދާރާއިން ކޮންމެ މަހަކުވެސް ނެރޭ ތަފާސްހިސާބުތަކަކީ ފައިނޭންސް މިނިސްޓްރީގެ މާލީ ނިޒާމުގެ ތެރެއިން ދެފުށް ފެންނަ ގޮތަކަށް ބަލަހައްޓަމުން އަންނަ ރެކޯޑުތަކެކެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1