ސަރުކާރުން ބިލުތައް އެކުލަވާލައި، ފާސްކޮށް، ތަޞްދީޤުކުރަނީ ފުޅާ ދާއިރާއެއްގައި ކުރެވޭ ފަންނީ ދިރާސާތަކަށް ފަހުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރި 7 ބިލެއް ތަޞްދީޤުކުރެއްވުމަށްޓަކައި، ރައީސް އޮފީހުގައި މިއަދު ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ބިލުތައް ތަޞްދީޤުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއީ ރައްޔިތުންނަށް ފައިދާކުރާނެ ބިލުތަކެއްކަން ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް، ބޭރު ފައިސާގެ ޤާނޫނަށް ގެނައި އިޞްލާޙުގެ ސަބަބުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހެޔޮވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، ބޭންކުތަކަށް ޑޮލަރު މާރުކުރަން ލާޒިމުކުރި ނަމަވެސް، ރިސޯޓުތައް ހިންގުމަށާއި މުވައްޒަފުންނަށް ޑޮލަރުން މުސާރަދިނުމަށް އެއްވެސް ހުރަހެއް ނޭޅޭނެކަން ހިސާބުތަކުން އެނގެން އެބައޮތެވެ. އެހެންކަމުން، މިއީ ބަހަނާއަކަށް ހަދައިގެން މުވައްޒަފުންގެ މުސާރަ ކުޑަކޮށްގެން ނުވާނެ ކަމަށާއި، މި ޤާނޫނު ތަންފީޒުކުރުމުގައި ފަތުރުވެރިކަމުގެ ސިނާޢަތުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ޔަޤީންކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޓެކުހާ ގުޅޭގޮތުން ގެނެވުނު ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ޖީއެސްޓީ ޤާނޫނަށް ގެނައި 8 ވަނަ އިޞްލާޙަކީ ފަތުރުވެރިކަމުގެ ސިނާޢަތަށް “ޑެސްޓިނޭޝަން ޕްރިންސިޕަލް” ތަޢާރަފުކުރުމަށް ގެނައި ބަދަލުތަކެއް ކަމަށެވެ. އަދި އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި 2 ވަނަ އިޞްލާޙުގެ ސަބަބުން، ބޭރުގެ ކުންފުނިތަކުން ނަގާ ވިތުހޯލްޑިންގ ޓެކުހަށް ބަދަލުއައިސް، ކޮންޓްރެކްޓްތައް ހޯދުމުގައި ބޭރުގެ ކުންފުނިތަކާ އެއްހަމައެއްގައި ވާދަކުރުމުގެ ފުރުޞަތު ދިވެހި ކުންފުނިތަކަށް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފަޅުރަށާއި ފަޅު ކުއްޔަށްދިނުމާބެހޭ ބިލު ޤާނޫނަކަށް ބަދަލުވުމަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް (ޑައިވާސިފައިކޮށް) ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މަސްވެރިކަމުގެ ޤާނޫނަށް ގެނައި 2 ވަނަ އިޞްލާޙުގެ ސަބަބުން، ރާއްޖޭގެ މަސްކަނޑުތައް ހިމާޔަތްކުރުމާއެކު، އެކުއަކަލްޗަރ ވިޔަފާރިތައް ކުރިއަރުވައި، ސްޕޯޓްސް ފިޝިންގ ހާބަރުތަކާއި ސިނާޢަތަށް ބޭނުންވާ މުހިންމު ބިނާރުތައް (އިންފްރާސްޓްރަކްޗަރ) ބިނާކުރަން މަގުފަހިވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އާ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއެކު މަގުމަތީގެ ސަލާމަތްތެރިކަން ވަރުގަދަވެ، ޚާއްޞަކޮށް މާލޭގެ ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް އަވަސް ޙައްލެއް ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ބޮޑު ބާރެއް ލިބިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިފަދަ ޤާނޫނީ ބަދަލުތައް ގެނައުމުގެ އަސްލު މަޤްޞަދަކީ 2040 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން، ކުރިއަރާފައިވާ ޤައުމުތަކެކޭ އެއްފަދައިން ރާއްޖޭގެ ޤާނޫނީ ނިޒާމު ބިނާކޮށް، ބޭނުންނުކުރެވޭ ބާގަޑުތައް ޒަމާނާ އެއްގޮތަށް ބަދަލުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި ޒަމާނީ ނިޒާމުގެ ސަބަބުން ރައްޔިތުންގެ ޙައްޤުތައް ފުރިހަމައަށް ހިމާޔަތްކުރެވޭނެ ކަމަށެވެ. އަދި ޙައްޤުތައް ކަށަވަރުކޮށްދިނުމުގައި ސަރުކާރުން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ދެއްވަމުން، ޢަދުލުއިންސާފު ޤާއިމުކުރުމުގައި ވަކި މީހަކަށް މޫނަކަށް ނުބައްލަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދު ތަޞްދީޤުކުރެއްވި ބިލުތައް މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1