ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންނަށް މުސާރަ އާއި ޢިނާޔަތްތައް ދޭންޖެހޭނީ ހަމައެކަނި ބޭންކިންގ ނިޒާމުގެ ތެރެއިން، އެ މުވައްޒަފެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށް ޖަމާކޮށްގެން ކަމަށް ކަނޑައަޅައި، ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދަށް 3 ވަނަ އިޞްލާޙު ގެނެސްފިއެވެ.
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި މި އިޞްލާޙާއެކު، ބިދޭސީ މުވައްޒަފުންނަށް ނަގުދު ފައިސާއިން މުސާރަ ދިނުން މަނާވާނެއެވެ.
އަދި މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ ގެޒެޓްކުރާ ތާރީޚުން ފެށިގެން 30 ދުވަސް ހަމަވާ ތާރީޚުން ފެށިގެން ކަމަށްވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މި އިސްލާހުގެ ސަބަބަުން، ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީންގެ މުސާރައިގެ މުޢާމަލާތްތައް ހާމަކަން ބޮޑު އަދި ރައްކާތެރި ނިޒާމެއްގެ ތެރެއަށް ބަދަލުވެގެންދާނެއެވެ.
މި އިސްލާހާއެކު، ވަޒީފާދޭ ފަރާތުގެ އެކައުންޓުން ފައިސާ ފޮނުވަންޖެހޭނީ ސީދާ އެ ބިދޭސީ މުވައްޒަފެއްގެ އަމިއްލަ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަށެވެ. އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުމަކީ ހުއްދަކަމެއް ނޫނެވެ.
މީގެއިތުރުން، މުސާރަ ޖަމާކުރާ ބޭންކަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ދަށުން ރާއްޖޭގައި ހުއްދަދީގެން ހިންގާ ބޭންކަކަށް ވާންޖެހެއެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން މަޖުބޫރުކުރާ މާއްދާއެއް 2016 ވަނަ އަހަރު ވަޒީފާއާބެހޭ ޤާނޫނަށް ގެނައި އިޞްލާޙެއްގެ ދަށުން ކުރިންވެސް ތަޢާރަފްކުރިއެވެ. ނަމަވެސް، އެ ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް ކަނޑައެޅި 10,000 އާއި 50,000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާ ތަންފީޛުކުރުން 2017 ވަނަ އަހަރުގެ ފަހުކޮޅު އޮތީ ސަސްޕެންޑްކޮށްފައެވެ.
މި ނިޒާމު އަލުން ހަރުދަނާކޮށް ލާޒިމް މިކުރީ، ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން 98 އިންސައްތަ މީހުންގެ ބަޔޯމެޓްރިކް މަޢުލޫމާތު “އޮޕަރޭޝަން ކުރަނގި” މެދުވެރިކޮށް ސަރުކާރުން އެއްކޮށް، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ފަށާފައިވާ ބޮޑު މަޝްރޫޢުގެ ދަށުންނެވެ.