ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލެއާ ދެމެދު އަޅާ ސުޕަރސްޓްރަކްޗަރގެ އެންމެ ފަހު ސެގްމެންޓް ކާމިޔާބުކަމާއެކު ލޯންޗުކޮށް ،ބުރިޖުން ގުޅާލައިފިއެވެ.
މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ހާމަކުރި ގޮތުގައި، މިއީ ރާއްޖޭގެ ތާރީޚުގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއުގެ ދަށުން މާލެއާއި ވިލިމާލެ ބްރިޖުގެ އޮނިގަނޑުން ގުޅާލެވުނު ތާރީޚީ އަދި މުހިންމު ކުރިއެރުމެކެވެ.
އެފްކޮންސް އިން މައުލޫމާތު ދޭގޮތުގައި ސެގްމަންޓް ގުޅާލުމަށްފަހު ބްރިޖުގެ ރެއިލިންތައް ހަރުކުރުމާއި، ތާރު އެޅުމާއި، ފިނިޝިން މަސައްކަތްތައް ކުރިއަށްދާނެއެވެ. ނަމަވެސް، މަސައްކަތް މުޅިން ނިންމާލުމަށް އަދި ވަގުތު ނަގާނެކަމަށް އެ ކުންފުނިން ބުނެއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއިން ނެރުނު އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ބްރިޖް ޑެކަށް ބޭނުންވާ 1,222 ސެގްމަންޓްގެ ތެރެއިން 90.4 އިންސައްތަ ސެގްމަންޓް މިހާރު ވަނީ ތައްޔާރުކޮށް އަދި މީގެ ތެރެއިން 72.9 އިންސައްތަ ސެގްމަންޓް ބްރިޖުގެ އޮނިގަނޑުގައި މިހާރު ހަރުކޮށް ނިންމާލެވިފައިވާ ކަމަށް ވެސް މިނިސްޓްރީން ހާމަކުރެއެވެ.
އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ތިލަމާލެ ބްރިޖު މަޝްރޫއުގެ މާލެ-ވިލިމާލެ ސެގްމެންޓުގެ ސުޕަރސްޓްރަކްޗަރ އެއްކޮށް ގުޅާލެވުނު ނަމަވެސް، ރޭލިންގްތަކާއި ބައްތިތައް ހަރުކުރުން ފަދަ މަސައްކަތްތައް ނިންމާ އާންމު ދަތުރުފަތުރަށް ބްރިޖު ހުޅުވާލާނީ އަންނަ އަހަރުގައެވެ. ޖުމްލަ 500 މިލިއަން ޑޮލަރު (6.2 ބިލިއަން ރުފިޔާ) ހޭދަކޮށްގެން ހަދާ މުޅި މަޝްރޫއުގެ 76 އިންސައްތައަށް ވުރެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ.