ލަމްބޯރގިނީ ކާރެއް ބާރު ދުވެލީގައި ދުއްވަނިކޮށް އެކްސިޑެންޓްވުމާ ގުޅިގެން، ކާރު ދުއްވަން އިން އަހުމަދު ރިފާއުގެ ލައިސެންސް ދިވެހި ފުލުހުންގެ ހިދުމަތުން ހިފަހައްޓައިފިއެވެ.
ފުލުހުން ބުނީ ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް، ސޯލާ ޕެނެލްތައް ހަރުކޮށްފައި ހުރި ހޮޅިދަނޑިތަކުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މި މަހުގެ 21 ވަނަ ދުވަހު ހެނދުނު 08::42 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މި އެކްސިޑެންޓްގައި ހޮޅިދަނޑިތަކުގައި ޖެހި ކާރު ވަނީ ފުރޮޅާލައިފައެވެ. މި ހާދިސާ ހިނގި ވަގުތު ކާރު ދުއްވަން އިނީ ބ. ކަމަދޫ، (40އ) ހަސަން ރިފާއު އާއި 13 އަހަރުގެ ކުޑަކުއްޖެކެވެ. މި އެކްސިޑެންޓާ ގުޅިގެން ކާރުގައި ތިބި ދެ މީހުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، މިހާރު ގެއަށް ދޫކޮށްލާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި މި ދެ މީހުންނަށް ސީރިއަސް އެއްވެސް އަނިޔާއެއް ވެފައި ނުވާކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓްގައި ކާރު ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ. މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށްފަހު، ކާރުގެ ބައިތައް ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.ފުލުހުން ވަނީ ރިފާއުގެ ޑްރައިވިން ލައިސަންސް ހިފަހައްޓާފައެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
ސިނަމާލެ ބްރިޖާ ގުޅިފައިވާ ހައިވޭގައި ފުރޮޅާލި މި ކާރަކީ ރާއްޖެއަށް ދާދިފަހުން އެތެރެކުރި، ގާތްގަނޑަކަށް 19 މިލިއަން ރުފިޔާގެ އަގުބޮޑު “ލަމްބޯގިނީ ރެވުއެލްޓޯ”މަރުކާގެ ސުޕަކާރެކެވެ.