ދުންފަތާއި ނިކޮޓިންގެ ނުރައްކަލުން އަންނަން އޮތް ޖީލުތައް ސަލާމަތްކުރުމަށްޓަކައި، ސްކޫލް ނިޒާމުގެ ތެރެއިން ދުންފަތުގެ “ޖެނެރޭޝަނަލް ބޭން” ތަންފީޒުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
16 އޮގަސްޓު ވީ އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕޭން ކުރިއަށް ގެންދިއުމާއި، ސިނގިރޭޓުގެ އިމްޕޯޓު ޑިއުޓީ ރޭޓުތައް މުރާޖައާކުރުމާ ގުޅޭ ސަބް-ކޮމިޓީން ވަނީ، އެ ކޮމިޓީގެ މަސައްކަތްތަކާ ގުޅޭ އަދާހަމަ ހިއްސާކުރައްވާފައިވާކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.
ކޮމިޓީގެ ހުށަހެޅުންތަކަށް ބެލުމަށްފަހު ވަޒީރުންގެ މަޖިލީހުން ނިންމެވީ، ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ ދެކޮޅަށް ހިންގާ ޤައުމީ ކެމްޕޭނުގެ ތެރެއިން، ސްކޫލްތަކުގައި “ޖެނެރޭޝަނަލް ބޭން” ތަންފީޒުކުރުމަށެވެ. މި މަސައްކަތް މިނިސްޓްރީ އޮފް ހެލްތުން ކުރިއަށްގެންދާއިރު، އެޑިއުކޭޝަން އަދި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އެކަންކަން ވިލަރެސްކުރާނެއެވެ. އަދި މި ކެމްޕޭން ހިންގާނެ ޚާއްޞަ ނިޒާމެއް އެކުލަވާލުމަށްވެސް ވަނީ ނިންމަވާފައެވެ.
މި ކެމްޕޭނުގައި މަދަނީ ޖަމުޢިއްޔާތަކުގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ޚާއްޞަ ފަރާތެއް ހެލްތު މިނިސްޓްރީން ކަނޑައެޅުމަށް ވަނީ ނިންމާފައެވެ. އަދި ކެމްޕޭނުގެ ފުރަތަމަ ފިޔަވަހީގައި، ކޮންމެ އަތޮޅަކުން މަދުވެގެން އެއް ޖަމުޢިއްޔާ އަދި މާލޭ ސަރަޙައްދުގެ ގިނަ ޖަމުޢިއްޔާތަކެއް ބައިވެރިކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ދުންފަތުގެ ކެމްޕޭނުގެ އިތުރުން، އާދީއްތަ ދުވަހު ބޭއްވި ކެބިނެޓް ޖަލްސާގައި ސަރުކާރުގެ ބައެއް މިނިސްޓްރީތަކުން ވަނީ، މިހާރު ކުރިއަށްދާ މުހިންމު މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ޚިއްޞާކޮށްފައެވެ. އަދި އެ މަޝްރޫޢުތައް ހަރުދަނާކަމާއެކު ކުރިއަށްގެންދިއުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުން މުހިންމު ނިންމުންތަކެއް ނިންމެވިއެވެ.