ހަޤީޤީ އީޖާދެއްގެ ފެށުން އަންނަނީ ކަންކަން ހޯދައި ދެނެގަތުމަށް ހުންނަ ޝައުޤުވެރިކަމާއި ޢިލްމު ގުޅިލާމެހޭ ހިސާބުން ކަމަށާއި، އީޖާދެއްގެ މާނަ ފުރިހަމަވަނީ އޭގެއިން އާންމު ރައްޔިތުންނަށް ފައިދާއާއި މަންފާ ލިބިގެންދާނެ ކަންކަން އެކުލެވިގެންވުމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގައި މިއަދު ފެށި، ތެވެލި އިންޓަރނޭޝަނަލް ކޮންފަރެންސް 2026، ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅުދައްކަވަމުންނެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބޭއްވި 9 ވަނަ “ތެވެލި” އިންޓަރނޭޝަނަލް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވަޒީރުންނާއި، ޔުނިވަރސިޓީގެ އިސްވެރިންނާއި، ބޭރުގެ ޢިއްޒަތްތެރިންގެ އިތުރުން ދިރާސާވެރިންނާއި ދަރިވަރުން ބައިވެރިވިއެވެ. “ޓްރާންސްފޮރމޭޓިވް އިނޮވޭޝަން އިން ދަ ޓްވެންޓީ ފަސްޓް ސެންޗަރީ: ސައެންސް، ޓެކްނޯލޮޖީ އެންޑް ސޮސައިޓީ” ޝިޢާރުގެ ދަށުން ބޭއްވި މި ކޮންފަރެންސްގެ ރަސްމިއްޔާތުގައި އެމް.އެން.ޔޫގެ ޗާންސެލަރާއި ވައިސް-ޗާންސެލަރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.