ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ދެގުނަވެފައިވާ ކަމަށް މާލީ ވަޒީރު ޙަސަން ޒަރީރު މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ.
ވަޒީރު ހާމަކުރެއްވި ގޮތުގައި 2018 ވަނަ އަހަރު ކުންފުނިތަކުގައި 18,676 މުވައްޒަފުން ތިބިއިރު، 2023 ގެ ނިޔަލަށް އެ އަދަދު ވަނީ 36,729 އަށް އުފުލިފައެވެ.
މާލީ ވަޒީރު މި ތަފާސްހިސާބުތައް ހާމަކުރެއްވީ، ސަރުކާރު ކުންފުނިތަކަށް މުވައްޒަފުން ނަގާ ގޮތާއި ކުންފުނިތަކުގެ އޮނިގަނޑު ހަރުދަނާކުރުމުގެ (ރައިޓް-ސައިޒިންގ) ސިޔާސަތާ ގުޅޭގޮތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ވަޒީރު ޒަރީރު ވިދާޅުވި ގޮތުގައި ޕީސީބީގެ ހިސާބުތަކުން ދައްކާ ގޮތުން 2019 އިން 2023 އަށް ކުންފުނިތަކަށް 18,053 މުވައްޒަފުން އިތުރުވެފައިވެއެވެ. މިއީ އެ ފަސް އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 97 އިންސައްތައިގެ އިތުރުވުމެކެވެ.
ވަޒީރު ޒަރީރު ފާހަގަކުރެއްވި ގޮތުގައި، ސިޔާސީ ފިކުރަށް ނުވަތަ ޚިޔާލަކަށް ބަލައިގެން ސަރުކާރު ކުންފުނިތަކުން މުވައްޒަފުން ވަކިކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫނެވެ. އަދި ސިޔާސީ ސަބަބަކާ ހުރެ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ފިނޭންސް މިނިސްޓްރީން އަންގާފައި ނުވާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް، ކުންފުނިތަކަކީ މާލީ ގޮތުންނާއި ހިންގުމުގެ ދާއިރާއިން ދެމެހެއްޓެނިވި ތަންތަނަށް ހެދުމުގެ ޒިންމާ މިނިސްޓްރީއަށް އޮތުމާއެކު، ދައުލަތުގެ މާލީ ހާލަތަށް ބަލައި ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރަން ޕީސީބީ މެދުވެރިކޮށް އިރުޝާދު ދެއްވާފައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ކުންފުނިތަކަށް ދެވޭ އިރުޝާދުތަކަކީ މާލީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުމަށާއި ހިންގުން ހަރުދަނާކުރުމަށް ދެވޭ އިރުޝާދުތަކެއް ކަމަށެވެ. އަދި އެއީ ވަކިވަކި މުވައްޒަފުންނަށް އަމާޒުކޮށްގެން ނުވަތަ ކުންފުނިތަކުގެ އާންމު އިދާރީ ހިންގުމުގެ ތެރެއަށް އަތްބޭނުމަށް ނެރޭ އަމުރުތަކެއް ނޫން ކަމަށްވެސް ފާހަގަކުރެއްވިއެވެ.
މަޖިލީހަށް ހުށަހެޅި ހިސާބުތަކަށް ބަލާއިރު، 2018 ވަނަ އަހަރު ކުންފުނިތަކުގައި ތިބި 18,676 މުވައްޒަފުންގެ އަދަދު 2023 އަށް 36,729 އަށް ވަނީ އިތުރުވެފައެވެ. އަދި މިހާރު އެ އަދަދު ވަނީ 13 އިންސައްތަ އިތުރުވެ، 41,667 އަށް އަރާފައެވެ. މިއީ 2023 އަށްވުރެ 4,938 މުވައްޒަފުންގެ އިތުރުވުމެކެވެ. އެމްޑީޕީގެ ދައުރުގައި މުވައްޒަފުން ގިނަވުމުގެ ސަބަބުން، މުސާރަ ދޭން އެޑްވާންސް ސަބްސިޑީގެ ގޮތުގައި 634 މިލިއަން ރުފިޔާ ދޫކުރަންޖެހުނެވެ. މިހާރުގެ ސަރުކާރުން ވަނީ ކުންފުނިތައް “ރައިޓްސައިޒް” ކުރަން ފިޔަވަޅު އަޅަން ފަށާފައެވެ. އެގޮތުން ވަޒީފާއިން ވަކިވާ މުވައްޒަފުންނަށް އެސްއެމްއީ އިންޕެކްޓް ފަންޑު މެދުވެރިކޮށް ލޯނު ލިބޭނެ ވަށާޖެހޭ ނިޒާމެއް ވަނީ ގާއިމުކޮށްފައެވެ.
އަލަށް އުފެއްދި ކުންފުނިތަކާ ބެހޭގޮތުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، މި ސަރުކާރުން އުފެއްދި ފަސް ކުންފުންޏެއްގައި 889 މުވައްޒަފުން އެބަތިއްބެވެ. ނަމަވެސް އޭގެ ތެރެއިން މުޅިން އަލަށް ވަޒީފާ ދިނީ 156 މީހުންނަށެވެ. ބާކީ ތިބި 733 މުވައްޒަފުންނަކީ އެސްޓީއޯ އިން ކުރިން ކުރި ބޭހާއި މެޑިކަލް ސަޕްލައިގެ މަސައްކަތްތައް އާ ކުންފުންޏަކަށް ބަދަލުވުމުން، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނަށް ބަދަލުވި މުވައްޒަފުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ވަޒީރު ޒަރީރު ވިދާޅުވި ގޮތުގައި، ސަރުކާރު ކުންފުނިތަކުގެ މާލީ ދުޅަހެޔޮކަން އިތުރުކުރުމަށާއި، ދައުލަތުގެ ބަޖެޓަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމަށްޓަކައި ފަށާފައިވާ މަސައްކަތްތައް ހުއްޓުމެއްނެތި ސަރުކާރުން ކުރިއަށް ގެންދާނެއެވެ.