ވިހެއުމަށްފަހު މަންމަގެ ނުރުހުމުގައި ތުއްތު ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ނެގި މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން އެކުއްޖާގެ މަންމައާ ބައްދަލުކޮށްފިއެވެ.
ކޯޓު އަމުރެއްގެ ދަށުން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓަށް ވަދެ ތަހުގީގަށް ބޭނުންވާ ހުރިހާ މައުލޫމާތެއް އެޗްއާރުސީއެމުން މިހާރު އެއްކޮށްފައިވާއިރު، މި މައްސަލައިގެ ތަހުގީގު އެއްކޮށް ނިންމާލުމަށްފަހު ޚާއްސަ ރިޕޯޓެއް ޝާއިއުކުރުމަށް އެ ކޮމިޝަނުން ތައްޔާރުވަމުންދާ ކަމަށް މީޑިއާތަކަށް ރިޕޯޓްކޮށްފައިވެއެވެ.
މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތާއި ލިޔެކިޔުންތައް ހޯދުމަށް އެޗްއާރުސީއެމްގެ ޓީމެއް މިއަދު ކުއްޖާގެ މަންމަ ދިރިއުޅޭ ރަށަށް ގޮސް، ކަމާގުޅުންހުރި އިދާރާތަކާއި ފަރާތްތަކާ ބައްދަލުކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ‘މިހާރު ‘ ނޫހަށް ވަނީ މައުލޫމާތު ދީފައެވެ.
މިނިސްޓްރީގެ ތެރޭގައި ހަރަކާތްތެރިވި އެޗްއާރުސީއެމްގެ ޚާއްސަ ޓީމުން މިހާރު ވަނީ މި މައްސަލައާ ގުޅުންހުރި ބޭނުންވާ ހުރިހާ މުހިންމު ލިޔެކިޔުންތަކެއް ހޯދައި، އެޗްއާރުސީއެމްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެޗްއާރުސީއެމްގެ ގަވާއިދުތައް ބުނާގޮތުން، ވަކި މީހެއްގެ ނުވަތަ ބައެއްގެ ހައްގުތަކަކަށް އުނިކަން އައިސްގެން ހުށަހަޅާ ޝަކުވާތަކާ ގުޅިގެންނާއި، ނުވަތަ އެފަދަ ކަމެއް ހިނގައިފިކަމަށް ގަބޫލުކުރެވިގެން ކޮމިޝަނުގެ އަމިއްލަ އިސްނެގުމަށް ވެސް މައްސަލަތައް ބަލައި ތަހުގީގުކުރުމުގެ ފުރިހަމަ ގާނޫނީ ބާރު އެ ކޮމިޝަނަށް ލިބިގެންވެއެވެ.
މައްސަލަ ފެންމަތިވީ، ވިހެއިތާ އެންމެ ތިން ދުވަސް ހަމަނުވަނީސް މަންމަގެ ނަފްސާނީ ހާލަތަށް ބަލައި، އޭނާގެ ނުރުހުމުގައި ހޮސްޕިޓަލުން ތުއްތު ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ބުނެ އާއިލާއިން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ. އާއިލާއިން ތުހުމަތުކުރާ ގޮތުގައި މިނިސްޓްރީން ކުއްޖާ އަތުލާފައިވަނީ މަންމަގެ އަތުގެ ނުކުޅެދުންތެރިކަމަކަށް ވެސް ބެލުމަށްފަހު، އޮޅުވާލުންތަކެއްގެ ތެރެއިންނެވެ.
ނަމަވެސް، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ބުނެފައިވަނީ ކުއްޖާ ދައުލަތަށް ނެގީ ގާނޫނީ އިމުގެ ތެރެއިން، ކުއްޖާގެ ރައްކާތެރިކަން އާއިލާގެ ތެރެއިން ކަށަވަރު ނުކުރެވޭނެ ކަމަށް ފެންނާތީ އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
މި މައްސަލައިގެ ސީރިއަސްކަމަށް ބަލައި، އެޗްއާރުސީއެމް އިން ކޯޓު އަމުރެއް ހޯދައި، އެ އަމުރާ އެކު ކޮމިޝަނުގެ ޚާއްސަ ޓީމެއް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓަށް ވަދެ ތަހުގީގުގެ ކަންކަން ވަނީ ކުރިއަށް ގެންގޮސްފައެވެ.