ދައުލަތާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޭރުން ވަޒީފާއާއި އާމްދަނީގެ ފުރުސަތުތައް އިތުރުކުރުމަށް، 600 މިލިއަން ރުފިޔާގެ އެސް.އެމް.އީ އިމްޕެކްޓް ފަންޑުން މާލީ އެހީތެރިކަން ދެމުންދާ ކަމަށް ފައިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީސް ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، ކުމެވި” ނަމުގައި ސަރުކާރުން އުފެއްދި އެސް.އެމް.އީ އިމްޕެކްޓް ފަންޑަކީ ޒުވާނުން ވިޔަފާރީގެ ދާއިރާއަށް ވަނުމަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށާއި، ވަޒީފާގެ ފުރުސަތުތައް އުފެއްދުމަށް މަގުފަހިކޮށްދިނުމަށް ގާއިމުކުރި ފަންޑެއް ކަމަށެވެ.
މީގެއިތުރުން، މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ސަރުކާރު ކުންފުނިތައް ރީސްޓްރަކްޗަރ ކުރަނީ އެ ތަންތަނުގެ ހިންގުމާއި މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށެވެ. އަދި މި ދަނޑިވަޅުގައި އިގްތިސާދީ ފުރުސަތުތައް ފުޅާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށްވެސް ވިދާޅުވިއެވެ.
ކުންފުނިތައް އިސްލާހުކޮށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކުރުމުގެ ސިޔާސަތު ތަފްސީލުކޮށްދެއްވަމުން، މިނިސްޓަރު ވަނީ މި ފަންޑުގެ ބޭނުންތެރިކަން ހާމަކުރައްވާފަ އެވެ.
މިނިސްޓަރު ޒަރީރު ވިދާޅުވީ، ރާއްޖޭގެ މާލީ ހާލަތަށް ބަލައި، ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް މުވައްޒަފުންގެ އަދަދު އެކަށީގެންވާ މިންވަރެއްގައި ބެހެއްޓުމަށް ޕީސީބީ މެދުވެރިކޮށް ފިނޭންސް މިނިސްޓްރީން އަންގާފައިވާނެ ކަމަށެވެ. މީގެ ބޭނުމަކީ ޚަރަދު ކުޑަކޮށް، ކުންފުނިތަކުގެ ލާބައަށް މަސައްކަތް ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، މުވައްޒަފުން ވަކިކުރުމުގެ ދުވަހުން ދުވަހުގެ ނިންމުންތަކަށް މިނިސްޓްރީން ނުފޫޒު ނުފޯރުވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ. އަދި ސިޔާސީ ފިކުރަށް ބަލައި މީހުން ވަކިކުރުމުގެ ސިޔާސަތެއް ސަރުކާރުން ނުގެންގުޅޭނެ ކަމަށާއި، އެފަދަ އެންގުމެއް ދީފައި ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލީހަށް ހުށަހެޅި ހިސާބުތަކުން ދައްކާ ގޮތުގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މިހާރު ވަނީ 41,667 އަށް އަރާފައެވެ. މިއީ ދައުލަތުގެ ބަޖެޓަށް ބޮޑު ބުރައަކަށް ވެފައިވާއިރު، 2018 ވަނަ އަހަރު 18,676 ގައި ހުރި މުވައްޒަފުންގެ އަދަދު ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ފަސް އަހަރު ތެރޭގައި ވަނީ ކުއްލިއަކަށް 36,729 އަށް އިތުރުވެފައެވެ. މިއީ ގާތްގަނޑަކަށް ދެގުނަ އިތުރުވުމެކެވެ.
ސަރުކާރު ކުންފުނިތައް އިސްލާހުކުރުމުގެ މަސައްކަތާއެކު، އަމިއްލަ ވިޔަފާރިތަކުގެ ތެރެއިން އިގްތިސާދުގައި ބައިވެރިވުމުގެ ފުރުސަތު ރައްޔިތުންނަށް ފުޅާކޮށްދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން 600 މިލިއަން ރުފިޔާގެ “ކުމެވި” ފަންޑުގެ މައިގަނޑު ބޭނުމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ދީ، ވިޔަފާރިވެރިންނަކީ އާ ވަޒީފާތައް އުފައްދާ ބަޔަކަށް ހެދުމެވެ.
ކުންފުނިތައް އިސްލާހުކުރުމުގެ ދަށުން، ނަތީޖާ ނެރެނުދެވޭ އަދި ބަޖެޓަށް ބަރޯސާވާ ކުންފުނިތައް އުވާލުމާއި އެއްކޮށްލުމުގެ މަސައްކަތް ވެސް ދަނީ ހިނގަމުންނެވެ. އެގޮތުން ސްޕޯޓްސް ކޯޕަރޭޝަން އުވާލާފައިވާއިރު، އެމްއައިޓީޑީސީ އުވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މީގެ އިތުރުން، ރީޖަނަލް އެއާޕޯޓްސް ކުންފުނި އެމްއޭސީއެލްއާ އެއްކޮށްލުމުން، މުވައްޒަފުންނާއި ހިންގުމުގެ ޚަރަދުން މަހަކު 10 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.