މާލެ ސިޓީ ކައުންސިލުން މިއަހަރު ބޭއްވި ދެ ރައްޔިތުންގެ ބައްދަލުވުމަކަށް ޖުމްލަ 1.15 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ޚަރަދުކޮށްފައިވާކަން، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު (އާރް.ޓީ.އައި) ގެ ދަށުން ހާމަވި ތަފްޞީލުތަކުން އެނގިއްޖެއެވެ.
ކުރީގެ މޭޔަރު ކެންޑިޑޭޓް އަޙްމަދު އައިހަމް ހުށަހެޅި އާރް.ޓީ.އައި އެޕްލިކޭޝަނެއްގެ ޖަވާބުގައި ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، ފެބްރުއަރީ މަހުގެ ބައްދަލުވުމަށް 567,839.34 ރުފިޔާ އަދި ޖުލައި މަހުގެ ބައްދަލުވުމަށް 585,137.34 ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
މަދު ގަޑިއިރުކޮޅަކަށް ދެމިގެންދިޔަ މި ބައްދަލުވުންތަކުގެ ބޮޑު ބައެއް ޚަރަދުވެފައިވަނީ އިވެންޓް މެނޭޖްމަންޓާއި، ވީޑިއޯ ޕްރެޒެންޓޭޝަން އަދި ޓީވީ ލައިވް ބްރޯޑްކާސްޓިންގ ފަދަ ޓެކްނިކަލް މަސައްކަތްތަކަށް ކަމަށްވާއިރު، މި ޚަރަދުތަކުގެ ބޮޑުމިނާ މެދު އާންމުންނާއި ސިވިކް އެކްޓިވިސްޓުންގެ މެދުގައި ވަނީ ބޮޑެތި ފާޑުކިޔުންތަކާއި ބަހުސްތަކެއް އުފެދިފައެވެ.
ފެބްރުއަރީ މަހުގެ ބައްދަލުވުމަށް ކައުންސިލުން ކުރި ޚަރަދުތަކުގެ ތަފްޞީލަކީ:
އިވެންޓް މެނޭޖްމަންޓް: 360,000 ރުފިޔާ
ވީޑިއޯ ޕްރެޒެންޓޭޝަން: 135,000 ރުފިޔާ
ޓީވީން ލައިވްކުރުން: 34,607 ރުފިޔާ
ބެނާ ޕްރިންޓްކުރުން: 30,024 ރުފިޔާ
ފޮތް ޕްރިންޓްކުރުން: 8,208 ރުފިޔާ
ޖުލައި މަހުގެ ބައްދަލުވުމަށް ކައުންސިލުން ކުރި ޚަރަދުތަކުގެ ތަފްޞީލަކީ:
ޖުމްލަ ޚަރަދު: 585,137.34 ރުފިޔާ
އިވެންޓް މެނޭޖްމަންޓް: 360,000.00 ރުފިޔ
ވީޑިއޯ ޕްރެޒެންޓޭޝަން: 129,600.00 ރުފިޔ
ޓީވީ ލައިވް: 34,607.00 ރުފިޔާ
ފޮޓޯ އަދި ވީޑިއޯގްރަފީ: 18,000.00 ރުފިޔާ
ބެނާ ހަރުކުރުން: 5,702.00 ރުފިޔާ
ފޮތް ޕްރިންޓްކުރުން: 2,235.00 ރުފިޔާ
ލާމަރުކަޒީ ޤާނޫނު ބުނާގޮތުން ކައުންސިލްތަކުން އަހަރަކު މަދުވެގެން ދެ ފަހަރު ރައްޔިތުންގެ ބައްދަލުވުން ބާއްވަންޖެހެއެވެ. މި ބައްދަލުވުންތަކުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެހުމާއި، ރަށާއި ސިޓީގެ މުހިންމު ކަންކަމާ މެދު ރައްޔިތުންނާ މަޝްވަރާކުރުމެވެ.