“މާލޭ ޓެކްސީ ލައިން” އެޕްލިކޭޝަންގެ ބެކްއެންޑް ޑޭޓާބޭސްއަށް ވަދެ، ހުއްދަނެތި މައުލޫމާތު ބަދަލުކޮށް ސްކްރީންޝޮޓްތައް ލީކުކުރި މުވައްޒަފުގެ މައްސަލަ ޖިނާއީ ކުށެއްގެ ގޮތުގައި ތަޙުޤީޤުކޮށްދިނުމަށް އެމްޓީސީސީން ފުލުހުންގެ އިދާރާއަށް ހުށަހަޅައިފިއެވެ.
އެ ކުންފުނިން ބުނީ އަމިއްލަ އަދި ސިޔާސީ ބޭނުމަކަށްޓަކައި ކަސްޓަމަރުންނާއި ޑްރައިވަރުންގެ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރި މުވައްޒަފު މިހާރު ވަޒީފާއިން އެކަހެރިކޮށްފައިވާ ކަމަށެވެ.އެމްޓީސީސީގެ އައިސީޓީ ސެކިއުރިޓީ ޓީމުން މި މައްސަލަ ފާހަގަވުމާއެކު ސިސްޓަމްތައް ވަގުތުން ލޮކްޑައުންކޮށް، ރައްކާތެރިކަމާއެކު އިއާދަކޮށްފައިވާތީ ކަސްޓަމަރުންގެ ޚިދުމަތަށް އެއްވެސް ބުރޫއެއް ނާރާނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ. ކުންފުނީގެ އަގު ކިލަނބުކޮށްލަން ހިންގި މި ޢަމަލާ ގުޅިގެން، ކަސްޓަމަރުންނާއި ވިޔަފާރީގެ ބައިވެރިންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ޤާނޫނީ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށްވެސް އެމްޓީސީސީން ހާމަކުރެއެވެ.
އެމްޓީސީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ކުންފުނީގެ ކަސްޓަމަރުންނާއި، ހިއްސާދާރުންގެ އިތުރުން ދިވެހި ސަރުކާރާއި ވިޔަފާރީގެ ބައިވެރިންގެ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމުގައި އެ ކުންފުނި އަބަދުވެސް ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާ ކަމަށެވެ. އަދި އެ ފަރާތްތަކުން ކުންފުންޏަށް ކުރައްވަމުންދާ އިތުބާރަށްޓަކައި ވަނީ ޝުކުރުއަދާކޮށްފައެވެ.