ބައިނަލްއަޤްވާމީ ބާޒާރުގައި ތެލުގެ އަގުތައް އުފުލެމުންދާތީ، ރާއްޖޭގެ ހަކަތައިގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ދިވެހި ސަރުކާރަށް 50 މިލިއަން އެމެރިކާ ޑޮލަރުގެ (ގާތްގަނޑަކަށް 771 މިލިއަން ރުފިޔާ) ލޯނު ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
“އެނަޖީ ސެކިއުރިޓީ އިމަރޖެންސީ އެސިސްޓެންސް ޕްރޮޖެކްޓް” ގެ ދަށުން ދޫކުރާ މި ލޯނަކީ މެދުއިރުމަތީގެ މަސްރަޙަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ދިމާވާ އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރަށް އެހީވުމަށް ވެވުނު އެއްބަސްވުމެކެވެ.ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު އަދި އޭޑީބީގެ ޑރ. ތިއަމް ހީންގް ލޯނު އެއްބަސްވުމުގައި ސޮއިކުރެއްވިއިރު، ޕްރޮޖެކްޓް އެއްބަސްވުމުގައި ސޮއިކުރެއްވީ އެސްޓީއޯގެ ސީއީއޯ ޝިމާދު އިބްރާހީމެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ޖިއޯޕޮލިޓިކަލް ހަމަނުޖެހުންތަކާ ގުޅިގެން ބައިނަލްއަޤްވާމީ ބާޒާރުގައި ހަކަތައިގެ އަގުތައް އުފުލެމުންދާތީ، އެކަމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް އިޖާބަދިނުމުގައި މި މަޝްރޫޢުގެ ސަބަބުން ސަރުކާރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.