ކ. ވިލިނގިލީގެ ޑިންގީ ޖެޓީ ތަރައްޤީކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
އެގޮތުން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ދަރުބާރުގޭގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ކ. ވިލިނގިލީގެ ޑިންގީ ޖެޓީ ތަރައްޤީކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރު އިސްމާޢީލް ޙަމީދު ސޮއިކުރެއްވިއިރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޑީސީޕީ (ރިޓަޔަރޑް) އަޙުމަދު ސައުދީއެވެ.
ޖުމްލަ 6,755 މީހުން ދިރިއުޅޭ ކ. ވިލިނގިލީގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ސަބަބުން، ރަށަށް ދިމާވެފައިވާ ރަށްގިރުމުގެ ބޮޑު ނުރައްކަލަށް ދާއިމީ ޙައްލެއް ލިބި، ރައްޔިތުންނަށް ހިމާޔަތްކުރެވިފައިވާ ރީތި ގޮނޑުދޮށެއް ލިބިގެންދާނެކަމަށް އެމްޓީސީސީއިން ބުނެއެވެ. މީގެ އިތުރުން، ޑިންގީ ޖެޓީގެ މަސައްކަތް ނިމުމުން، ރަށުގެ ރައްޔިތުންނަށާއި އެކި ބޭނުންތަކަށް އެ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލަފާފުރުމުގައި ދިމާވަމުންދާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.
ވިލިމާލޭގެ އުތުރު ފަރާތުގައި ޑިންގީ ޖެޓީއެއް އެޅުމަށް ހަވާލުކުރި މަޝްރޫޢު ފަސް މަސްދުވަހުގެ ތެރޭގައި ނިންމަން ޖެހޭއިރު، މި މަސައްކަތުގެ ދަށުން ގިނަ ކަންތައްތަކެއް ކުރިއަށްގެންދާން ވަނީ ކަނޑައަޅާފައެވެ. އެގޮތުން ފަޅާއި ނެރުގެ ސަރަޙައްދުން 3،698 ކިއުބިކް މީޓަރުގެ ވެލި ފުންކުރުމާއި، ރޭމްޕަކާއި ސިޑި ހިމެނޭހެން 74 މީޓަރުގެ އެއްގަމުތޮށިލުން ހިމެނެއެވެ. މީގެ އިތުރުން 3 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 24 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ބޭރުތޮށިލުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ. އަދި މި މަޝްރޫޢުގެ ދަށުން ވިލިމާލޭގައި 74 މީޓަރު ދިގު އަދި 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ޤާއިމުކުރެވިގެންދާނެއެވެ.
ވިލިމާލޭގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ 6 މަސްދުވަހުގެ މަޝްރޫޢުގެ ދަށުން 1.1 ހެކްޓަރުގެ ބިން ހިއްކައި، 150 މީޓަރުގެ ރިވެޓްމެންޓް ޖަހައި، އަދި 181 މީޓަރުގެ ސަބްމާޖްޑް ބްރޭކްވޯޓަރ ލުމަށް ވަނީ ކަނޑައަޅާފައެވެ. މި މަސައްކަތުގެ ތެރެއިން ކުރިން ހަދާފައިވާ ބޭރުތޮށިން 60 މީޓަރުގެ ބައި ނެގުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ވިލިމާލެއަކީ މާލޭ ސަރަޙައްދުގައި ހިމެނޭ، ގުދުރަތީ ރީތި ގޮނޑުދޮށަކާއި ހިތްގައިމު މާޙައުލެއް އޮންނަ، ނަމަވެސް މޫސުމީ ބަދަލުތަކުގެ ސަބަބުން ރަށްގިރުމުގެ ބޮޑު ނުރައްކަލަކާ ކުރިމަތިލާންޖެހިފައިވާ ރަށެކެވެ. ޚާއްޞަކޮށް ރަށުގެ އެކި ސަރަޙައްދުތަކުން ގޮނޑުދޮށް ގިރަމުންދިއުމުގެ ސަބަބުން ރަށުގެ ގުދުރަތީ ރީތިކަން ގެއްލި، ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ދަނީ ވަމުންނެވެ. މީގެ އިތުރުން، ވިލިމާލޭގެ އުތުރު ފަރާތަކީ ގިނަ އަދަދެއްގެ ޑިންގީތަކާއި ކުދި އުޅަނދުފަހަރު ބޭނުންކުރާ ސަރަޙައްދަކަށް ވީއިރު، އެކަށީގެންވާ ޖެޓީއެއް ނެތުމުގެ ސަބަބުން އުޅަނދުފަހަރު ގެންގުޅޭ ފަރާތްތަކަށާއި ލަފާފުރާ މީހުންނަށް ދިގު މުއްދަތަކަށް ބޮޑެތި ދަތިތަކަކާ ވަނީ ކުރިމަތިލާންޖެހިފައެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1