ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފޭސް 1 ގެ ދަށުން، މާލޭ މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ސަރަޙައްދުގައި ޤާއިމުކޮށްފައިވާ ޕަމްޕް ސްޓޭޝަން ކާމިޔާބުކަމާއެކު ޓެސްޓުކޮށް، ހިދުމަތަށް ނެރެފިއެވެ.
މިއާއެކު، އެ މަޝްރޫޢުގެ ދަށުން މަސްވެރިންގެ ބާޒާރު ސަރަޙައްދާއި އެމްއެމްއޭ ކައިރީގައި ހަދާފައިވާ ދެ ޕަމްޕް ސްޓޭޝަންގެ މަސައްކަތް ވެސް މިހާރު ވަނީ އެއްކޮށް ނިމިފައެވެ.އެމްޓީސީސީ އިން ބުނީ،މި ޕަމްޕް ސްޓޭޝަންތަކުގެ ސަބަބުން، ވިއްސާރަ މޫސުމުގައި ބޮޑުތަކުރުފާނު މަގުގައި ފެންބޮޑުވުމުގެ ސަބަބުން ދިމާވާ ދިގުލާފައިވާ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށެވެ.އަދި ބޯކޮށް ވާރޭވެހޭ ވަގުތުތަކުގައި މަގުމަތިން ފެން ހިންދުމުގެ ނިޒާމު ކުރިއަށްވުރެ ހަރުދަނާވެގެންދާނެ ކަމަށް ވެސް އެމްޓީސީސީ އިން ވަނީ ފާހަގަކޮށްފައެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގަކީ ކޮންމެ އަހަރަކުވެސް ވިއްސާރަ މޫސުމުގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެ، ހިނގާބިނގާވެ އުޅޭ މީހުންނަށާއި ދުއްވާ އުޅަނދުތަކަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހޭ ސަރަޙައްދެކެވެ. ޚާއްޞަކޮށް އުތުރު ބަނދަރާއި މާރުކޭޓު ހިމެނޭ ސަރަޙައްދަކީ ކާރޫބާރޫ ބޮޑުވެފައި، ފެންބޮޑުވުމުގެ ސަބަބުން ވިޔަފާރިތަކަށާއި ދަތުރުފަތުރަށް ބޮޑު ބުރޫއެއް އަރާ ސަރަޙައްދަކަށް ވުމުން، މަގު ހެދުމުގެ މަޝްރޫޢުގެ ތެރެއިން ފެންހިންދާ ނިޒާމު ހަރުދަނާކުރުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދިޔަ މުހިންމު މަސައްކަތެކެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢަކީ މާލޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށާއި، ބާރުބޮޑުވާ މަގުތައް ފުޅާކޮށް ހިތްފަސޭހަ މާޙައުލަކަށް ހެދުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫޢެކެވެ. މާލެ ވަށައިގެން އޮންނަ މި މައި މަގުގެ އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ތެރޭގައި، މަގުގައި ތާރުއެޅުމާއި، ދުވާރުތައް ޒަމާނީކުރުމުގެ އިތުރުން މާލެއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ފެންހިންދާ ނިޒާމުތަކާއި ޕަމްޕް ސްޓޭޝަންތައް ޤާއިމުކުރުން ހިމެނެއެވެ. އަދި މީގެ އިތުރުން، މަގުގެ ފެހިކަން އިތުރުކުރުމަށާއި ދިވެހިވަންތަ ސިފައެއް ގެނައުމަށްޓަކައި ގަސްތަކުގެ ބަދަލުގައި ރުއް އިންދުމުގެ ޚާއްޞަ ހަރަކާތްތަކެއް ވެސް މި މަޝްރޫޢުގެ ދަށުން ވަނީ ކުރިއަށްގެންގޮސްފައެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1