ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކޮށް ނެގެހެއްޓުމަކީ މުޅި ޤައުމުގެ ރައްޔިތުން އެކުވެގެން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހއ. ބާރަށުގައި ބޭއްވި ޤައުމީ ދުވަހުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ވަޒީރު ހީނާ ވަލީދު ވިދާޅުވީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް މަސައްކަތަކީ ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުން ކަމަށެވެ. އަދި ޤައުމިއްޔަތާ މެދު އޮތް ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އެންމެން އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް އެކަމަނާ ގޮވާލެއްވިއެވެ. މީގެ އިތުރުން، މި އަގުހުރި ޤައުމީ ސިފަތަކާއި އާދަކާދަތައް ރައްކާތެރިކަމާއެކު އަންނަން އޮތް ޖީލުތަކާ ހަމައަށް ފޯރުކޮށްދިނުމަކީ އެންމެންގެ ބައިވެރިވުން ބޭނުންވާ މުހިންމު ޒިންމާއެއްކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ވަޒީރު ހީނާ ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމަށެވެ. އެގޮތުން ދިވެހި ބަހަށް އިސްކަންދިނުމާއި، ރާއްޖޭގެ ތަރިކައާއި ސަޤާފަތް ދިރުވައި، އެ ތަރިކަތައް ރައްކާތެރިކުރުމުގެ ދާއިރާއަށް ޚާއްޞަ ސަމާލުކަމެއް ދެއްވާކަން ވަޒީރު ހާމަކުރެއްވިއެވެ. މީގެ އިތުރުން، ބާރަށާއި ބޮޑުތިލަދުންމަތީގެ ތިން ރަށެއް ހިމެނޭހެން ކުރިއަށްގެންދާ ޚާއްޞަ މަޝްރޫޢުތަކުގެ ސަބަބުން، ޤައުމީ ދުވަހާ ގުޅުންހުރި ތާރީޚީ ޙާދިސާތަކުގެ ހަނދާންތައް އަންނަން އޮތް ޖީލުތަކަށް ދިރުވައި އާލާކުރެވިގެންދާނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
މީގެއިތުރުން ހީނާ ވިދާޅުވީ، ތަރިކަ ރައްކާތެރިކުރުމަށް ކުރެވޭ މިފަދަ މަސައްކަތްތަކުގެ ސަބަބުން ރަށަށް ޒިޔާރާތްކުރާ ފަތުރުވެރިންނާއި މީހުން އިތުރުވެ، ރަށުގެ ރައްޔިތުންނަށް އާމްދަނީ ހޯދުމުގެ މުހިންމު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.އަދި ޤައުމީ ތަރިކައަކީ މާދަމާގެ ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދޭންޖެހޭ މުހިންމު އަމާނާތެއްކަން ބަޔާންކުރައްވަމުން، މިކަމުން ކުރެވޭ ކޮންމެ އިހުމާލަކީ ޤައުމުގެ ތާރީޚަށާއި ސަޤާފީ ތަރިކައަށް ލިބޭނެ ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހއ. ބާރަށަކީ ދިވެހިރާއްޖޭގެ މިނިވަންކަމުގެ ތާރީޚާ، ޚާއްޞަކޮށް ޤައުމީ ދުވަހުގެ ބަތަލު އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (ބޮޑުތަކުރުފާނު) ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކުރެއްވުމަށް ކުރެއްވި ޖިހާދާ ނުހަނު ބޮޑަށް ގުޅިފައިވާ ތާރީޚީ ރަށެކެވެ. ސަރުކާރުން ބޮޑުތިލަދުންމަތީގެ ތިން ރަށެއް ހިމަނައިގެން މަޝްރޫޢުތަކެއް ފަށްޓަވާފައިވަނީ، މި ތާރީޚީ މުހިންމު ހާދިސާތަކާއި ބިނާތައް ރައްކާތެރިކޮށް، ސަޤާފީ ފަތުރުވެރިކަމުގެ ޒަރީޢާއިން ރަށްރަށުގެ އިޤްތިޞާދު ކުރިއެރުވުމުގެ މަޤްޞަދުގައެވެ.