އްޖޭން ބޭރުގައި ތިބޭ އާއިލާތަކަށް އެހީވުމަށާއި، ތައުލީމީ އަދި ބޭސްފަރުވާގެ ހަރަދުތަކަށް ފަސޭހަކަމާއެކު ރާއްޖޭން ބޭރަށް ފައިސާ ފޮނުވޭނެ ހާއްސަ ހިދުމަތެއް ކަމަށްވާ “ފައިސާ ރެމިޓް” މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ތައާރަފުކޮށްފިއެވެ.
އެމްއައިބީ އިން ހާމަކޮށްފައިވާ ގޮތުގައި، ފައިސާނެޓް މެދުވެރިކޮށް ދޭން ފެށި މި ހިދުމަތަކީ ބައިނަލްއަގުވާމީ ރެމިޓެންސްގެ މުއާމަލާތްތައް ކުރިއަށްވުރެ އަވަސް، ފަސޭހަ އަދި ރައްކާތެރިކަމާއެކު ކޮންމެ ތަނެއްގައި ހުރެގެންވެސް ކޮށްލެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމުގެ މަގްސަދުގައި ފެށި ހިދުމަތެކެވެ.
ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށާއި ބޭސްފަރުވާއަށްދާ ދިވެހިންގެ އިތުރުން، އަމިއްލަ އެކި ބޭނުންތަކަށް ބޭރަށް ފައިސާ ފޮނުވުމަކީ ގިނަ ބަޔަކު ކޮންމެ މަހަކުވެސް ކުރަންޖެހޭ މުހިންމު ކަމެކެވެ. މީގެ ކުރިން ބައިނަލްއަގުވާމީ ރެމިޓެންސް ހިދުމަތްތައް ހޯދުމުގައި ދިގު ކިއުތަކުގައި މަޑުކުރަންޖެހުމާއި، ލިޔެކިޔުންތައް ގިނަވުމުގެ ސަބަބުން އާންމުންނަށް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހުނެވެ.
ނަމަވެސް، ޑިޖިޓަލް ބޭންކިންގެ ހިދުމަތްތައް ފުޅާވަމުންދާ މި ދަނޑިވަޅުގައި، ފައިސާނެޓް މެދުވެރިކޮށް މި ތައާރަފުކުރި “ފައިސާ ރެމިޓް” ހިދުމަތާއެކު، ބޭރު ގައުމުތަކަށް ފައިސާ ފޮނުވުމުގެ ނިޒާމަށް ބޮޑު ލުޔެއް ލިބި، ގޭގައި ތިބެގެންވެސް މި ހިދުމަތް ސަލާމަތްތެރިކަމާއެކު ހޯދުމުގެ މަގު މިހާރު މިވަނީ ފަހިވެފައެވެ.