އުފަންވިތަނުން ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ނެގި މައްސަލައަކާ ގުޅިގެން، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ކޯޓު އަމުރެއްގެ ދަށުން ޖެންޑާ މިނިސްޓްރީއަށް ވަދެ، އެ މައްސަލައިގެ ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
އިލާއިން ހުށަހެޅި މި މައްސަލައަކީ ތުއްތު ކުއްޖަކު މަންމައާ ވަކިކޮށް ދައުލަތަށް ނެގުމުގައި އަމަލުކޮށްފައިވާ ގޮތާ މެދު ހިތްހަމަނުޖެހިގެން ބަލަމުންދާ މައްސަލައެކެވެ.
އެޗްއާރުސީއެމްގެ ގާނޫނުގެ ދަށުން، އިންސާނީ ހައްގަކަށް އުނިކަންލިބޭ ފަދަ ކަންކަމުގެ ޝަކުވާ ހުށަހެޅުމުން ނުވަތަ ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން މައްސަލަ ބެލުމުގެ ފުރިހަމަ ބާރު އެ އިދާރާއަށް ލިބިގެންވެއެވެ. އެގޮތުން ނެރުނު އަމުރަކާ ގުޅިގެން، ކޮމިޝަނުގެ ބައެއް މެންބަރުންނާއި މުވައްޒަފުން މިއަދު ދަނީ އެ މިނިސްޓްރީއަށް ގޮސް ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް ހޯދަމުންނެވެ.