ތާރީޚީ ތަޢުލީމަކީ ހަނދާންތައް ދަމަހައްޓައި، ޤައުމީވަންތަކަން އާލާކުރުމާ އެކު ޖީލުތަކުގެ މެދުގައި އެއްގަލަކަށް އެރުމުގެ ރޫޙު އުފައްދައިދޭ މުހިންމު ބާރެއް ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ކޮންގް ޒިއަންހުއާ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އުތީމަށް ކުރެއްވި ޒިޔާރަތަށްފަހު ސަފީރު ވިދާޅުވީ، ތާރީޚާ މެދު އޮންނަ އެއްބައިވަންތަ ވިސްނުމަކީ ޤައުމެއް އެކަތިގަނޑަކަށް ބަނދެދޭ އަސްލު ކަމަށެވެ.ސަފީރު މަޝްހޫރު ފަލްސަފާވެރިއެއްގެ ބަސްފުޅަކަށް ރިއާޔަތްކުރައްވައި ވިދާޅުވީ، އެބައެއްގެ މާޒީގެ ތާރީޚާއި، އަސްލާއި އަދި ސަގާފަތުގެ ހޭލުންތެރިކަމެއް ނެތް ބަޔަކީ މުލެއް ނެތް ގަހެއް ފަދަ ބައެއް ކަމަށެވެ. އަދި އުތީމަށް ކުރެއްވި މި ޒިޔާރަތަކީ ވަރަށް ބޭނުންތެރި އަދި ކާމިޔާބު ޒިޔާރަތެއްކަން ފާހަގަކުރައްވައި، ސަފީރު ވަނީ ރާއްޖޭގެ އެކުވެރި ރައްޔިތުންނަށް ޤައުމީ ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ ރައްދުކުރައްވާފައެވެ.
އުތީމަކީ ރާއްޖޭގެ މިނިވަންކަމުގެ ބަތަލު އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް އުފަންވެވަޑައިގަތް، ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކުރެއްވުމުގެ ޖިހާދު ފެއްޓެވި ތާރީޚީ ރަށެވެ. ކޮންމެ އަހަރަކުވެސް ޤައުމީ ދުވަސް ފާހަގަކުރަނީ މި މަތިވެރި ޖިހާދުގެ ހަނދާނުގައެވެ.