މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާ ގުޅިގެން، އެމްޕީއެލްއިން ކްލިއަރިންގ އެޖެންޓުންނާއި ލޮރީ ޑްރައިވަރުންނާ އެކު ޚާއްސަ ބައްދަލުވުމެއް ބާއްވައިފިއެވެ.
އެމް.ޕީ.އެލް އިން ބުނި ގޮތުގައި، މިއީ އެ ކުންފުނީގެ ސްޓޭކްހޯލްޑަރުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ސިލްސިލާކޮށް ބާއްވަމުން އަންނަ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ.
އެމްޕީއެލް އިން ބުނި ގޮތުގައި، މި ބައްދަލުވުމުގައި ބައިވެރިން ވަނީ ތިލަފުށީގައި ވީހާވެސް އަވަހަށް މުދާ ކްލިއަރ ކުރެވޭނެ ނިޒާމެއް ގާއިމުކުރުމާ ގުޅޭގޮތުން ޚިޔާލު ހިއްސާކޮށްފައެވެ.އެ ކުންފުނީގެ އަމާޒަކީ އޭޖެންޓުންނާއި ޑްރައިވަރުންނަށް ފަސޭހަވާނެހެން ބަނދަރުގެ މަސައްކަތްތައް ބައްޓަންކުރުމެވެ. މި މަޝްރޫޢަށް ކަމާބެހޭ މިނިސްޓްރީތަކާއި، މުއައްސަސާތަކާއި، ވިޔާފާރިވެރިންގެ އިތުރުން ޝިޕިންގ، އެއަރލައިން އަދި ފްރައިޓް ފޯވަރޑަރުންނާ މިހާތަނަށް ވަނީ މަޝްވަރާކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އެހެން ސްޓޭކްހޯލްޑަރުންނާ ބައްދަލުކުރުމަށް ވެސް ވަނީ ރޭވިފައެވެ.
އެމްޕީއެލް އިން ބުނި ގޮތުގައި މާލޭ ބަނދަރުގެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް މަޝްރޫޢެވެ. ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ތަރައްޤީކުރާ މި ޒަމާނީ ބަނދަރުގައި ކޮންޓޭނަރ ޓާމިނަލްތަކާއި، ކޮންޓޭނަރ ފްރައިޓް ސްޓޭޝަންތަކުގެ އިތުރުން، އެކި ބާވަތްތަކުގެ މުދަލާއި އަވަހަށް ހަލާކުވާ މުދަލަށް ޚާއްސަ މަލްޓި-ޕާޕަސް ޓާމިނަލްތައް ހުންނާނެއެވެ. އަދި ބޮންޑެޑް ވެއަރހައުސްތަކާއި ފުރިހަމަ ލޮޖިސްޓިކްސް ނިޒާމަކާއެކު، މިއީ މިހާރުގެ ބަނދަރަށްވުރެ އެތައް ގުނައެއް ޖާގަ ތަނަވަސް ބަނދަރަކަށް ވެގެންދާނެއެވެ.
މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު އިޤްތިޞާދީ ވައުދުފުޅެކެވެ. ޒަމާނީ ވަޞީލަތްތަކާއެކު “ސްޓޭޓް އޮފް ދި އާޓް” މަލްޓި-ޕާޕަސް ބަނދަރެއްގެ ގޮތުގައި ތަރައްޤީކުރާ މި ތަނުން ވިޔަފާރިވެރިންނަށާއި ސްޓޭކްހޯލްޑަރުންނަށް 24 ގަޑިއިރު ޚިދުމަތް ލިބޭނެއެވެ. އެމްޕީއެލްގެ އަމާޒަކީ އަންނަ އަހަރުގެ ނޮވެންބަރު 11 ގައި މި ބަނދަރުގެ ޚިދުމަތް ފެށުމެވެ.