އެމްއޭސީއެލް އިން މަޢުލޫމާތު ދޭގޮތުގައި، ރާޔާ އެއާވޭސްގެ މި ދަތުރުތައް ކުރަނީ މެލޭޝިޔާގެ ޕެނޭންގް އާއި މާލެއާ ދެމެދުގައެވެ. ހަފުތާއަކު ދެ ދުވަހު ކުރާ މި ދަތުރުތަކުގައި ބޭނުންކުރަނީ ބޮއިންގް 200-767 މަރުކާގެ ކާގޯ ބޯޓުފަހަރެވެ. އަދި ކޮންމެ ދަތުރެއްގައި އެވްރެޖުކޮށް 46 ޓަނުގެ ކާގޯ އުފުލުމުގެ ގާބިލުކަން ލިބިގެންވެއެވެ.
އެމްއޭސީއެލް އިން ހާމަކުރި ގޮތުގައި މި ދަތުރުތަކުގައި އުފުލާ ކާގޯގެ 80 އާއި 90 އިންސައްތައަކީ ޓްރާންސްޝިޕްމަންޓް ކާގޯއެވެ.މީގެ ސަބަބުން ކާގޯ ގުޅުވައިދޭ ސަރަހައްދީ ހަބެއްގެ ގޮތުގައި އެމްއެލްއީގެ ދައުރު އިތުރަށް ވަރުގަދަވެ، މުދާ ފޮނުވާ ފަރާތްތަކަށް އިތުރު މަގުތައް ހުޅުވި ދުނިޔޭގެ މުހިންމު ބާޒާރުތަކަށް ވާސިލުވުން ފަސޭހަވެގެންދާނެ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.
އެމްއޭސީއެލް އިން ހާމަކުރި ގޮތުގައި، ރާޔާ އެއާވޭސް އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް (ވީއައިއޭ) ތާވަލުކޮށްގެން ކާގޯ ދަތުރުތައް ބާއްވާ ދެވަނަ އެއާލައިނެވެ. މިއީ އެއާޕޯޓަށް އާ ކާގޯ އެއާލައިންތައް ގެނެސް، ވައިގެމަގުން މުދާ އުފުލުމުގެ ގުޅުންތައް ފުޅާކުރުމަށާއި، އެއާޕޯޓަކީ ބައިނަލްއަގުވާމީ ޓްރާންސްޝިޕްމަންޓް ގޭޓްވޭއެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުރާ މަސައްކަތުގެ ބައެކެވެ.
ވެލާނާ އެއާޕޯޓުގެ ކާގޯ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖެނުއަރީން ޖުލައި މަހުގެ ނިޔަލަށް އެކަނިވެސް 390 ކާގޯ ދަތުރު މެދުވެރިކޮށް 3,228 ޓަނުގެ މުދާ ވަނީ ހެންޑްލްކޮށްފައެވެ. މި ދަތުރުތަކުގެ އެހީގައި ރާއްޖެ ވަނީ ބެންގަލޫރު، ޗެންނާއި، ޔަންގޯން، ކޮލަމްބޯ، ބެންކޮކް، ދުބައި އަދި ހަނޯއީ ފަދަ ދުނިޔޭގެ މުހިންމު ސިޓީތަކާ ގުޅާލެވިފައެވެ. މީގެ އިތުރުން، ނިމިދިޔަ 2025 ވަނަ އަހަރުވެސް އެއާޕޯޓުން ވަނީ 518 ކާގޯ ދަތުރު ބާއްވައި، 4,300 ޓަނަށްވުރެ ގިނަ މުދާ ކާމިޔާބުކަމާއެކު އުފުލާފައެވެ.