މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޑޮލަރު ވިއްކި މިންވަރު، ޖޫން މަހާ އަޅާބަލާއިރު ޖުލައި މަހު 172 އިންސައްތަ އިތުރުވެފައިވާ ކަމަށް އެ އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭގެ ތަފާސްހިސާބަށް ބަލާއިރު، ޖޫން މަސް ނިމުނުއިރު 686.8 މިލިއަން ޑޮލަރުގައި ހުރި ރާއްޖޭގެ ރަސްމީ ރިޒާވް، ޖުލައި މަސް ނިމުނުއިރު ވަނީ 638.0 މިލިއަން ޑޮލަރަށް ދަށްވެފައެވެ. މިއީ ގާތްގަނޑަކަށް 7 އިންސައްތައިގެ ދަށްވުމެކެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި، ޖުލައި މަހަކީ އެ އޮތޯރިޓީއަށް ބޭރުފައިސާ ލިބުނު ޖުމްލަ އަދަދަށްވުރެ ބޭރުފައިސާ ވިއްކަންޖެހުނު އަދަދު އިތުރުވި މަހެކެވެ. މީގެ މައިގަނޑު ސަބަބަކީ ނިމިދިޔަ ޖުލައި މަހަކީ ފަތުރުވެރިކަމުގެ އޮފް-ސީޒަން ދުވަސްވަރަށް ވުމުން، އޮތޯރިޓީއަށް ބޭރު ފައިސާ ލިބުނު މިންވަރު ދަށްވުމެވެ.
އެމްއެމްއޭއިން ހާމަކުރި ގޮތުގައި، ސްކޫލް ބަންދާ ދިމާކޮށް ދަތުރުފަތުރާއި، ބޭސްފަރުވާއާއި، އުމްރާގެ ދަތުރުތަކަށް ޑޮލަރުގެ ޑިމާންޑް އިތުރުވެ، ޖުލައި މަހު ޑޮލަރު ދޫކުރި މިންވަރު ޖޫން މަހާ އަޅާބަލާއިރު %172 އިތުރުވެފައެވެ.
މީގެއިތުރުން،ބޭންކިން ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބުން ފަސޭހަކޮށް ބާޒާރަށް ލުއިކަމެއް ގެނައުމަށްޓަކައި، ބޭންކުތަކަށް ވިއްކާ ޑޮލަރުގެ އަދަދު %51 އިތުރުކުރަން އެމްއެމްއޭއިން 11 އޮގަސްޓްގައި ނިންމައިފިއެވެ. މި ބަދަލާއެކު ވިޔަފާރިތަކުން މުދާ އިމްޕޯޓްކުރުމަށް ހަދަންޖެހޭ ޓީޓީ އަދި އެލްސީތަކަށް ބޭނުންވާ ޑޮލަރު ހޯދުމުގެ ދަތިތަކަށް ލުއިތަކެއް ލިބިގެންދާނެ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.
ވިޔަފާރިތަކާއި އާންމުންނަށް ޑޮލަރު ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށް އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކުރުމަކީ އިމްޕޯޓް ވިޔަފާރިތަކަށް މުހިންމު ފިޔަވަޅެކެވެ.
ރާއްޖެއަކީ މުދާ އިމްޕޯޓްކުރުމަށް ބޮޑުތަނުން ބޭރު ފައިސާއަށް ބަރޯސާވާންޖެހޭ ޤައުމަކަށްވެފައި، އަހަރުގެ މެދުތެރެއަކީ ފަތުރުވެރިކަމުގެ އޮފް-ސީޒަން ދުވަސްވަރު ކަމުން ބޭރުފައިސާ ލިބޭ މިންވަރު މަދުވެ، ބާޒާރުގައި ޑޮލަރުގެ ލިބުން ދަތިވެގެންދެއެވެ. މި ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް މަރުކަޒީ ބޭންކުން ދޭތެރެ ދޭތެރެއިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކުރެއެވެ.