ޤައުމީ ދުވަހުގެ ރަސްމީ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. އުތީމުގައި ބިނާކުރި “ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި” ހުޅުއްވައިދެއްވައިފިއެވެ.
މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ހއ. އުތީމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ މި ބިނާ ހުޅުއްވައިދެއްވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމު ޢަބްދުﷲ އަދި އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދްނާން ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން، ދައުލަތުގެ ވަޒީރުންނާއި، މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢުގެ އިތުރުން ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ބޭފުޅުންނާއި، ބޭރުގެ ޑިޕްލޮމެޓުން އަދި ގިނަ އަދަދެއްގެ އާންމު ރައްޔިތުން މި ޖަލްސާގައި ބައިވެރިވިއެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދިން ގޮތުގައި، މި ދޮރޯށި ބިނާކޮށްފައިވަނީ ބޮޑުތަކުރުފާނުގެ ތާރީޚީ ޖިހާދުގެ ހަނދާންތައް ރަމްޒުކޮށްދޭ ގޮތަށެވެ. އެގޮތުން، ދިވެހި އެވޭލާ މިސްކިތްތަކުގެ ބިނާވެށީގެ ސިފަތަކަށް ފަރުމާކޮށްފައިވާ މައިގަނޑު 6 ތަނބެއް މި ބިނާގައި ހިމެނެއެވެ. މި ހަ ތަނބުން ރަމްޒުކޮށްދެނީ، ކަޅުއޮށްފުންމީގައި ދިވެހި ޤައުމުގެ މިނިވަންކަމަށްޓަކައި މަތިވެރި ޖިހާދެއް ކުރެއްވި 6 ބަޠަލުންނެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، ދިވެހި ޤައުމިއްޔަތާއި ސަގާފަތް ދިރުވުމުގެ ސިޔާސަތުގެ ދަށުން، ޣާޒީ ބަންޑާރައިންގެ ތާރީޚީ ހަނދާންތައް ރައްކާތެރިކުރުމަށް ހއ. އަތޮޅުގައި ޚާއްޞަ މަޝްރޫޢެއް ދަނީ ހިންގަމުންނެވެ. މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ ތާރީޚީ ތަރިކަ ޙިމާޔަތްކޮށް، ސަގާފީ ފަތުރުވެރިކަމުގެ ތެރެއިން އަންނަން އޮތް ޖީލުތަކަށް އެ ތަންތަން ފޯރުކޮށްދިނުމެވެ.
ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި ބިނާކުރުމުގެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިދެއްވީ، މިދިޔަ އަހަރު އެމަނިކުފާނު ހއ. އުތީމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރޭގައެވެ.
ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (ބޮޑުތަކުރުފާނު) އުފަންވެވަޑައިގަތް ހއ. އުތީމަކީ ދިވެހި ތާރީޚާއި ތަރިކައިގެ އެންމެ މުހިންމު އެއް ބިނާ ކަމަށްވާ “އުތީމު ގަނޑުވަރު” ހުރި ރަށެވެ. އެމަނިކުފާނުގެ ޤައުމީ ޖިހާދާއި ހަނދާންތައް ދިރުވައި އާލާކުރުމަކީ ކޮންމެ އަހަރެއްގެ ޤައުމީ ދުވަހާ ގުޅުވައިގެން ދައުލަތުން ޚާއްޞަ އިސްކަމެއް ދޭ ކަމެކެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1