ބޮޑުތަކުރުފާނުގެ ހަޔާތްޕުޅުން ފިލާވަޅު ހާސިލްކޮށް، ޒަމާނާ ގުޅޭ ޢިލްމާއި ހުނަރު ދަސްކުރުމަކީ ޤައުމީ ސަލާމަތަށް މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ހއ. އުތީމުގައި ބޭއްވެވި، ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠިބުކުރައްވައި ދެއްވި ވާހަކަފުޅުގައެވެ.
ބޮޑުތަކުރުފާނު ނިޔަމިކަމާއި ހަނގުރާމައިގެ އުކުޅުތައް އުނގެނިވަޑައިގެން ޤައުމީ ލޯބި ބިންވަޅުނެންގެވި ފަދައިން، ކޮންމެ ޒަމާނަކަށް ބޭނުންވާ ޢިލްމާއި ހުނަރު އެ އިރެއްގެ ދިވެހީންނަށް އެނގުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ބޮޑުތަކުރުފާނުގެ ޅަފަތުގެ ދުވަސްވަރުން ފެށިގެން އެމަނިކުފާނު ކުރެއްވި ކޮންމެ ކަމަކީ، މިއަދުގެ ޖީލުތަކުން އިބުރަތް ލިބިގަންނަންވީ އަގުނުކުރެވޭފަދަ މުހިންމު ފިލާވަޅުތަކެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ހަމަމިއާއެކު، ރައީސް ފާހަގަކުރެއްވި ގޮތުގައި، ޤައުމުގެ ޙައްޤުގައި ޤުރުބާންވުމަކީ ވަކި ފަންތިއެއް ނުވަތަ ދަރަޖައެއްގެ މީހުންނަށް އެކަނި ޚާއްޞަ ކަމެއް ނޫންކަން ދިވެހި ތާރީޚުން ވަރަށް ސާފުކޮށް ފެންނަން އެބައޮތެވެ. އެގޮތުން، ޢަލީ ރަސްގެފާނާއި މުޙައްމަދު ތަކުރުފާނު ފަދަ ވެރިންނާއި، ވިލިނގިލީ ރާވެރިބެއާއި ދުވާފަރު ދަންޑަހެލާ ފަދަ އާދައިގެ ރައްޔިތުންނާއި، ނޮޅިވަރަންފަރު އެދުރުކަލޭގެފާނާއި، ކަނބާ އައިސާ އަދި ސިއްތި މާވާ ފަދަ ކަނބަލުން ޤައުމަށްޓަކައި ވެވަޑައިގަތް މަތިވެރި ޤުރުބާނީތައް ރައީސްގެ ޚިޠާބުގައި ހަނދާންކޮށްދެއްވިއެވެ.
ގައުމުގެ ހައްގުގައި ލެޔާއި ދާ އޮހޮރައިގެން މަސައްކަތް ކުރުމަކީ ދިވެހިންގެ ކިބައިގައި ހުންނަންޖެހޭ ގައުމީ ސިފައެއްކަން ފާހަގަކުރައްވައި، ގައުމީ ދުވަހުގެ މައިގަނޑު މަގުސަދަކަށް ވާންވާނީ ދިވެހި މުޖުތަމައުގައި ތަހުޒީބީ ރީތި އާދަތައް އަށަގަންނުވުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ދިވެހިރާއްޖޭގެ ޤައުމީ ދުވަސް ނިސްބަތްވަނީ، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކުރެއްވުމަށް އުތީމު މުޙައްމަދު ތަކުރުފާނާއި އެމަނިކުފާނުގެ އަޞްޙާބުން ކުރެއްވި މަތިވެރި ޖިހާދަށެވެ. ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހު މި ދުވަސް ފާހަގަކުރާއިރު، ދިވެހި ތާރީޚުގައި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށްޓަކައި ރަސްރަސްކަލުންނާއި، ދީނީ ޢިލްމުވެރިންގެ އިތުރުން، އާދައިގެ މަސައްކަތްތެރިންނާއި ކަނބަލުން ވެސް ވަނީ މުހިންމު ޤުރުބާނީތަކެއް ވެވަޑައިގަންނަވާފައެވެ.