ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު ޤާނޫނުތައް އުފަންވުން ހުއްޓުވުމަށްޓަކައި، ނިޒާމީ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، އެފަދަ ކަންކަން ކަށަވަރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރައްވައިފިއެވެ.
ރައީސް މި ފަދައިން ވިދާޅުވީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ޤާނޫނުއަސާސީގައި އިސްލާމްދީނާ ޚިލާފު ޤާނޫނުތައް ނުހެދޭނެ ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެކަން ކަށަވަރުކުރާނެ ހަރުދަނާ އިޖުރާއީ ނިޒާމެއް މިހާތަނަށް ޤާއިމުވެފައި ނެތް ކަމަށެވެ. އެހެންކަމުން، މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރަށް މިފަދަ ނިޒާމެއް ކަށަވަރުކުރާނެ ބިލެއް ހުށަހަޅުއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.
“އެހެން ވީމާ، އެ ފަދަ ނިޒާމެއް ޤާއިމު ކުރުމަށް ރައްޔިތުންގެ މަޖލީހުގެ މިއަހަރުގެ 3 ވަނަ ދައުރަށްއިރާދަކުރެއްވިއްޔާ ހުށަހަޅާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް މިއަދު އަޅުގަނޑު އަރުވަން.”
ރައީސްގެ ވާހަކަފުޅުގައި އިސްލާމްދީނަކީ ދެދުނިޔޭގެ ބާއްޖަވެރިކަން ގެނެސްދޭ މަތިވެރި ހިދާޔަތެއްކަން ފާހަގަކުރައްވައި، ރާއްޖޭގެ މިނިވަންކަމާއި ދީނާ އޮތް ބަދަހި ގުޅުމަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، އުތީމު ބޮޑުތަކުރުފާނު ކަނދުވަލު މިސްކިތުގައި ހަނގުރާމައިގެ ދިދަ ނަންގަވައި ޖިހާދުކުރެއްވީ އިސްލާމްދީނާއި ޤައުމުގެ ސަލާމަތަށްޓަކައި ނަޞްރު ހޯއްދެވުމަށް ނުވަތަ ޝަހީދުވުމުގެ މަތިވެރި އަޒުމުގައިކަން ހަނދާންކޮށްދެއްވިއެވެ. އަދި ތާރީޚަށް ބަލާއިރު، އިސްލާމްދީނާ ބީރައްޓެހި ސިޔާސަތުތައް ތަންފީޒުކުރި ކޮންމެ ފަހަރަކު ޤައުމުގެ މިނިވަންކަން ގެއްލި ނުވަތަ ނުރައްކަލުގެ ތެރެއަށް ހުށަހެޅިގެން ގޮސްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ތާރީޚަށް ބަލާއިރު އިސްލާމްދީނާ ބީރައްޓެހި ނުވަތަ ދީނާ ދުރު ސިޔާސަތުތައް ތަންފީޒުކުރަން އުޅުނު ކޮންމެ ފަހަރަކު، ޤައުމުގެ މިނިވަންކަން ގެއްލި ނުވަތަ ނުރައްކަލުގެ ތުންފަތްމައްޗަށް ހުށަހެޅިގެން ގޮސްފައިވާކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ. އެހެންކަމުން، މިފަދަ ނިޒާމީ ބަދަލެއް ގެންނަން ނިންމެވީ ލިޔެކިޔުމުން އޮތް އުޞޫލު ޢަމަލީ ގޮތުން ކަށަވަރުކޮށް، ދިވެހި ޤައުމުގެ މިނިވަންކަމާއި ދީނީ ވަހުދަތު ދެމެހެއްޓުމަށްޓަކައެވެ.