މާލޭ ސިޓީ ކައުންސިލުން ވެމްކޯއަށް ދައްކަންޖެހޭ 116 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ނުދައްކާ އޮތުމުން ވެމްކޯގެ މާލީ ދެމެހެއްޓެނިވިކަމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާކަން ވެމްކޯއިން ހާމަކޮށްފިއެވެ.
ވެމްކޯގެ ޚިދުމަތްތަކާ ގުޅޭގޮތުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް މައްސަލަ ހުށަހަޅާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނުމާ ގުޅިގެން ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނީ، ގަވާއިދާ އެއްގޮތަށް ރަޖިސްޓްރީވެގެން ޚިދުމަތް ހޯދުމަށް އަބަދުވެސް މަރުހަބާ ކިޔާ ކަމަށެވެ.
ނަމަވެސް، 2024 އިން ފެށިގެން ހޯދާފައިވާ ޚިދުމަތްތަކަށް ސިޓީ ކައުންސިލުން ދައްކަންޖެހޭ 116،421،129 ރުފިޔާ ނުދައްކާ އޮތުމަކީ، އާންމު އުސޫލުން ކަސްޓަމަރުން ރަޖިސްޓްރީ ކުރުމުގެ މަރުހަލާތައް ފުރިހަމަކުރުމަށް އޮތް ހުރަހެއް ކަމަށް ވެމްކޯއިން ފާހަގަކުރިއެވެ.
ވެމްކޯއިން ބުނި ގޮތުގައި، ކުންފުނީގެ މާލީ ދެމެހެއްޓެނިވިކަން ގެއްލެން ދިމާވި މައިގަނޑު ސަބަބަކީ ބޮޑެތި ކަސްޓަމަރުން ދައްކަންޖެހޭ ފައިސާ ނުދެއްކުމެވެ. ކުންފުނީގެ މުވައްޒަފުންގެ ޕެންޝަން ފަންޑަށް ފައިސާ ދެއްކުން ލަސްވަނީވެސް މިފަދަ ބިލްތަކަށް ފައިސާ ނުލިބޭތީ ކަމަށާއި، ސިޓީ ކައުންސިލުން ގަވާއިދުން ފައިސާ ދައްކާނަމަ ކުރީގެ މާލީ ގެއްލުންތަކުން އަރައިގަނެވޭނެ ކަމަށް ވެމްކޯގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، ވިދިވިދިގެން ދެ މަސް ދުވަހު ފީ ނުދައްކާ ފަރާތްތަކަށް ޚިދުމަތް މެދުކަނޑާލުމުގެ އުސޫލު ވެމްކޯއިން ގެންގުޅޭއިރު، ނުދައްކާ ހުރި ފައިސާ ހޯދުމަށް ސިޓީ ކައުންސިލާއެކު މިދިޔަ އަހަރާއި މި އަހަރު ގިނަ މަޝްވަރާތަކެއް ކުރެވުނުކަމަށް ވެމްކޯއިން ބުނެއެވެ. ޕޭމަންޓް ޝެޑިއުލެއް ހުށަހެޅުމަށް ތަކުރާރުކޮށް އެދުމުންވެސް، މާލޭ ސިޓީ ކައުންސިލުން އެދެވޭ އެއްބާރުލުމެއް ދީފައި ނުވާކަމަށް ވެމްކޯއިން ހާމަކުރެއެވެ.
ވެމްކޯއިން ބުނި ގޮތުގައި، މިފަދަ ދަތި ހާލަތެއްގައިވެސް އާންމު ރައްޔިތުންނަށް ދޭ އަސާސީ ޚިދުމަތްތަކަށް ބުރޫ ނޭރުވުމަށްޓަކައި، ސިޓީ ކައުންސިލުން މިހާރު ހޯދަމުންދާ ޚިދުމަތްތައް މެދުނުކަނޑާ ކުރިއަށް އެބަގެންދެއެވެ. ނަމަވެސް، ފައިސާ ނުދައްކާ އޮތުމުގެ ސަބަބުން ކައުންސިލްގެ އާ ތަންތަން ރަޖިސްޓްރީ ކޮށްދިނުމާއި އާ ޚިދުމަތްތައް ފޯރުކޮށްދިނުން މިހާރު ވަނީ ހުއްޓާލާފައެވެ. އަދި ވިޔަފާރިތަކަށްވުރެ ބޮޑު އަގު ކައުންސިލްގެ އަތުން ނަގާ ކަމަށް ބުނާ ވާހަކައަށް ރައްދުދެމުން ވެމްކޯއިން ބުނީ، ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކަށް އަގުތައް ކަނޑައަޅަނީ އާންމު ރައްޔިތުންނަށް އެންމެ އެކަށީގެންވާ ހެޔޮ އަގެއްގައި ޚިދުމަތް ދިނުމަށްޓަކައި ކަމަށެވެ.
ވެމްކޯއިން ބުނި ގޮތުގައި، ކުންފުނީގެ މައިގަނޑު މަގްސަދަކީ އާންމު ރައްޔިތުންނަށް އެންމެ ފައިދާހުރި އަދި ހަރުދަނާ ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމެވެ. އެހެންކަމުން، ނުދައްކާ ހުރި ފައިސާގެ މައްސަލަ ހައްލުކުރުމަށްޓަކައި، މިކަމާ ގުޅޭގޮތުން މަޝްވަރާކޮށް އެއްބަސްވުމަކަށް އައުމަށް އަދިވެސް އެންމެ އިސްކަމެއް ދޭނެ ކަމަށް އެ ކުންފުނީގެ ބަޔާނުގައި ވެއެވެ.
މާލޭ ސިޓީ ކައުންސިލުން 2024 ވަނަ އަހަރުން ފެށިގެން ވެމްކޯގެ ޚިދުމަތްތަކަށް ބިލް ނުދެއްކުމުގެ ސަބަބުން 116 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ދަރަންޏެއް އުފެދި، ވެމްކޯގެ މާލީ ހާލަތަށާއި މުވައްޒަފުންގެ ޕެންޝަން ފަންޑަށް ބޮޑެތި ގޮންޖެހުންތަކާ ވަނީ ކުރިމަތިވެފައެވެ.ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް މައްސަލަ ހުށަހަޅާފައިވާއިރު، ފައިސާ ދެއްކުމުގެ ތާވަލަކަށް އެއްބާރުލުން ނުދިނުމުން ކައުންސިލްގެ އާ ޚިދުމަތްތައް ދިނުން ވެމްކޯއިން ވަނީ ހުއްޓާލާފައެވެ.