މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ އަސަރު ބޮޑުވަމުންދާތީ، ފިލިޕީންސްގެ ރައްޔިތުންނަށް ބޭނުންވާ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށާއި، ދިވެހިރާއްޖޭގައި ކަރަންޓާއި ފެނުގެ ހިދުމަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި، 800 މިލިއަން ޑޮލަރު އަވަސް މިނެއްގައި ދޫކުރުމުގެ މަސައްކަތް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ފަށައިފިއެވެ.
އޭޑީބީގެ ރައީސް މަސާޓޯ ކަންޑާ ފާހަގަކުރެއްވި ގޮތުގައި، ދުރުގައި ހިނގާ ހަމަނުޖެހުންތަކުގެ އަސަރު ބޭހުގެ އަގާއި ކަރަންޓާއި ފެނުގެ ހިދުމަތް ފަދަ އަސާސީ ކަންކަމަށް ކުރެއެވެ. މި އަސަރުތައް ކުޑަކޮށް، ފިލިޕީންސްއަށް ސިއްހީ ފަރުވާ އަދި ދިވެހިރާއްޖެއަށް ކަރަންޓާއި ފެނުގެ ހިދުމަތް ޔަގީންކޮށްދިނުމަށް އޭޑީބީން މަސައްކަތްކުރަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން މި ޕެކޭޖުގެ ދަށުން، ފިލިޕީންސްގެ ސިއްހީ ދާއިރާއަށް 750 މިލިއަން ޑޮލަރުގެ ލޯނެއް ދޭއިރު، ރާއްޖޭގެ ހަކަތައިގެ ދާއިރާ ހަރުދަނާކޮށް ކަރަންޓާއި ފެނުގެ ހިދުމަތް ކަށަވަރުކުރުމަށް “އެނާޖީ ސެކިއުރިޓީ އިމަޖެންސީ އެސިސްޓެންސް ޕްރޮޖެކްޓް” މެދުވެރިކޮށް 50 މިލިއަން ޑޮލަރުގެ ކުއްލި އެހީ ރާއްޖެއަށް ވަނީ ފާސްކޮށްފައެވެ.