މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ބާއްވާ ރަސްމީ ޖަލްސާގައި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ގޮތަށް ރައީސް އޮފީހުން ނިންމައިފިއެވެ.
އެގޮތުން މި ރަސްމީ ޖަލްސާ ބޭއްވުމަށް ތާވަލުކޮށްފައިވަނީ މި ހިނގާ އޮގަސްޓް މަހުގެ 15 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގައެވެ.
ރައީސް އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި، މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ތިން ބޭފުޅަކަށާއި ޖަމުޢިއްޔާއަކަށް ލިބިވަޑައިގަންނަވާއިރު، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ހަތް ބޭފުޅަކަށާއި ކުންފުންޏަކަށް އެރުވުމަށް ވަނީ ނިންމަވާފައެވެ. މީގެއިތުރުން، ޤައުމީ ޚިދުމަތުގެ އިނާމު ވަނީ އަވަހާރަވެފައިވާ އެއް ބޭފުޅެއްގެ ހަނދާނަށް އެރުވުމަށް ކަނޑައަޅުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީން މިއަހަރުގެ އިނާމުތަކަށް ބޭފުޅުން ހޮއްވެވިިއިރު، މި އިނާމުތަކުގެ ގޮތުގައި ދެއްވާނެ ތަކެތި ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ. އެގޮތުން، ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖެއްގެ އިތުރުން ހަނދާނީ ލިޔުމެކެވެ. އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ދެއްވުމަށް ހަމަޖެހިފައިވަނީ ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެކެވެ.
ރާއްޖޭގައި ކޮންމެ އަހަރަކުވެސް ޤައުމީ ދުވަސް ފާހަގަކުރަނީ ބޮޑުތަކުރުފާނު (އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް) ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވި ޒިކުރާ އައުކުރުމުގެ ގޮތުންނެވެ. ބޮޑުތަކުރުފާނުގެ އުފަން ރަށް ކަމަށްވާ ހއ. އުތީމަކީ މި ދުވަހާ އެންމެ ތާރީޚީ ގޮތުން ގުޅުންބޮޑު ރަށަށް ވުމާއެކު، ސަރުކާރުން އަންނަނީ މި އަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތައް އެ ރަށުގައި ވަރަށް ކުލަގަދަކޮށް ބޭއްވުމަށް ގިނަ ތައްޔާރީތަކެއް ވަމުންނެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1