ވީ ޙަޤީޤަތާ ޚިލާފަށް އިޤްތިޞާދީ ވާހަކަ ދެއްކުމަކީ އެއްވެސް ފަރާތަކަށް މަންފާއެއް ކުރާނެ ކަމެއް ނޫންކަމަށާއި އެފަދަ ވާހަކަތައްް ނުދެއްކުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ގޮވާލައްވައިފިއެވެ.
ސޯޝަލްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، ޑޮލަރުގެ ރޭޓާ ގުޅުވައިގެން ދޮގު ވާހަކަތައް ފެތުރުމުގެ ސަބަބުން ބާޒާރުގައި ނޭދެވޭ ނުތަނަވަސްކަމެއް އުފެދިގެންދެއެވެ. އަދި މީގެ ސަބަބުން ބްލެކް މާކެޓުގައި ހިނގާ ޣައިރުޤާނޫނީ މުޢާމަލާތްތަކަށް އިތުރު ހިތްވަރެއް ލިބި، ރާއްޖޭގެ މުޅި އިޤްތިޞާދީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
“މިކަން ކުރާ މަގުސަދުވެސް އިނގޭ. މުޒާހަރާއަށް މީހުން ޖަމާކުރުމުގެ ބޭނުމުގައި. މިކަން ކުރަނީ. އެހެންނަމަވެސް ރައްޔިތުންނަށް މިއަދު މިކަންކމަުގެ ހަގީގަތް ވަރަށް ރަނގަޅަށް އިނގޭ.”
މީގެއިތުރުން، އެމްޑީޕީގެ ވެރިކަމުގައި، 2021 ވަނަ އަހަރު ބޭންކުތަކުގެ ކާޑުތަކުން ޔޫއެސްޑީ ސަޕޯޓަށް ދޫކޮށްފައިވަނީ ގާތްގަނޑަކަށް 10 މިލިއަން އެމެރިކާ ޑޮލަރުކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ ދުވަސްވަރުގެ ތަފާސްހިސާބުތައް ހިއްސާކުރައްވާފައެވެ. އެގޮތުން އެ ދުވަސްވަރު ވިޔަފާރިތަކަށް ޓީޓީ ހެދުމަށް ބޭންކުން ދޫކޮށްފައިވަނީ އެންމެ 6.7 މިލިއަން ޑޮލަރު ކަމަށާއި، ނަމަވެސް މިހާރު އެ އަދަދު ގާތްގަނޑަކަށް 27 މިލިއަން ޑޮލަރަށް އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމަމިއާއެކު، 2021 ވަނަ އަހަރު ދަރިވަރުންގެ ކިޔެވުމުގެ ކަންކަމަށް ބޭންކުން ދޫކޮށްފައިވަނީ 1.9 މިލިއަން ޑޮލަރު ކަމަށާއި، ނަމަވެސް މިހާރު އެ އަދަދު 3.6 މިލިއަން ޑޮލަރަށް އިތުރުވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ބޭސްފަރުވާގެ ޚަރަދުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، 2021 ވަނަ އަހަރު ބޭސްފަރުވާއަށް ދޫކޮށްފައިވަނީ 1 ލައްކައަށްވުރެ ކުޑަކޮށް ގިނަ ޑޮލަރު ކަމަށެވެ. އަދި 2022 ވަނަ އަހަރު 3 ލައްކަ ޑޮލަރަށްވެސް އެ އަދަދު ނާރާ އިރު، 2023 ވަނަ އަހަރު ދޫކޮށްފައިވަނީ 3 ލައްކަ ޑޮލަރެވެ. ނަމަވެސް މިހާރު ހަމައެކަނި ބޭސްފަރުވާއަށް އެކަނި ބަލާލިޔަސް އެ އަދަދު 3 މިލިއަން ޑޮލަރަށް އިތުރުވެފައިވާކަން ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު މިއޮތީ ކުރީގެ އެމްޑީޕީ ސަރުކާރުގައި ކަންކަން އޮތް ހާލަތުގަ ނޫން ކަމަށެވެ.އަދި މިހާރު ވިޔަފާރިތަކަށާއި، ކިޔަވާ ދަރިވަރުންނަށާއި، ބޭސްފަރުވާއަށްދާ މީހުންގެ އިތުރުން ރާއްޖޭން ބޭރަށް ފުރާ ފަރާތްތަކަށްވެސް އެމްއެމްއޭއާއި ބޭންކުތައް މެދުވެރިކޮށް، ކުރިން ދުވަހަކުވެސް ޑޮލަރު ދޫނުކުރާހާ ގިނައިން ޑޮލަރު ފޯރުކޮށްދެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ބައެއް ނޫސްތަކުގައި ޙަޤީޤަތް އޮޅޭގޮތަށް ލިޔާ ސުރުހީތަކުގެ ސަބަބުން ބްލެކް މާކެޓުގައި ބޮޑު އަގުގައި ޑޮލަރު ވިއްކާ ފަރާތްތަކަށް ނޭދެވޭ ގޮތެއްގައި ހިތްވަރު ލިބެމުންދެއެވެ. އަދި މިފަދަ ޚަބަރުތަކުގެ ސަބަބުން މާކެޓުގެ އަސްލު ޙާލަތު އޮޅި، އިޤްތިޞާދަށް އިތުރު ގެއްލުންތަކެއް ކުރިމަތިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކުރީގެ ތާރީޚަށް އަލިއަޅުއްވާލައްވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ޑޮލަރު ނުލިބިގެން އެމްއެމްއޭ އިން ފެށިގެން މަސްމާރުކޭޓާ ހަމައަށް މީހުން ކިއޫ ހަދާފައި އޮތް ކަމަށެވެ. އަދި އެ ދުވަސްވަރު ޑޮލަރުގެ ކަންކަން ކޮންޓްރޯލް ނުކުރެވިގެން، ކޮންމެ ޑޮލަރެއްގެ ފަހަތުގައި ފުލުހަކު ބަހައްޓަން ޖެހޭ ކަމަށް އޭރުގެ ރައީސް ވިދާޅުވިކަން އޭނާ ހަނދާންކޮށްދެއްވިއެވެ. މީގެއިތުރުން ޑޮލަރުގެ ރޭޓު ދަށްކޮށް ދެއްކުމުގެ ގޮތުން އޭރު 10 ރުފިޔާގެ ރޭޓެއް ކަނޑައެޅިކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އިދިކޮޅު އެމްޑީޕީގެ ބޭފުޅުން އިޤްތިޞާދީ ކަންކަމާ ގުޅުވައިގެން ވާހަކަދައްކަވާތީ އެކަމަށް ފާޑުވިދާޅުވަމުން، އެ ބޭފުޅުންގެ ވެރިކަމުގައި ރާއްޖޭގެ މައި ދޮރާށި ކަމަށްވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް ވިއްކާލިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.މިނިސްޓަރު ވިދާޅުވީ، ، އެމްޑީޕީގެ ވެރިކަމުގައި ސަރުކާރުގެ ކުންފުނިތަކުގެ ހިއްސާ ވިއްކާލައި، ރައްޔިތުންނަށް “ޚިޔާލީ” ގޯތިތަކެއް ބަހާލާފައިވާ ކަމަށެވެ. އަދި މިއަދު ޚަރަދުކުޑަކުރަން މި ސަރުކާރަށް ގޮވާލާއިރު، އޭރު ރައްޔިތުންނަށް ގޯތި ދީފައިވާ ކަމުގެ ލިޔެކިޔުންތައް އަތަށް ދީފައި ހުއްޓަސް އަސްލު ބިމެއް ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ. ގޯތީގެ ގޮތުގައި ދޫކުރި އަދި ހިއްކަންޖެހޭ ބިންތައް އަދިވެސް ހުރީ ކަނޑުއަޑީގައި ނުހިއްކާ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ، އެހާ ޣައިރުޒިންމާދާރުކޮށް ކަންތައްތައް ކުރެއްވި ބޭފުޅުން މިއަދު ނިކުމެ ސަރުކާރަށް ފާޑުވިދާޅުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިއީ މުޅިން އެހެން މަޤްޞަދެއްގައި ކުރާ ކަމެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މިއީ ކުރީގެ ވެރިކަމުގައި ރައްޔިތުން “ނޫނެކޭ” ބުނެ ބޭރުކޮށްލާފައިވާ ބޭފުޅުން، އަލުން އަނބުރާ ވެރިކަމަށް އައުމަށްޓަކައި ކުރާ މަސައްކަތްތަކެއް ކަމަށެވެ.
މާލީ ނިޒާމު ހަމަޔަކަށް އެޅުވުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ދަނޑިވަޅެއްގައި، އިދިކޮޅު ފަރާތްތަކުން ސިޔާސީ ބޭނުމެއްގައި ބާޒާރުގެ އަގުތަކާ މެދު ބިރުވެރިކަން އުފައްދައި ދޮގު ވާހަކަފަތުރަމުންދާ ކަން ސަރުކާރުން ތުހުމަތުކުރެއެވެ.ނަމަވެސް، ކުރީ ސަރުކާރުން އިޤްތިޞާދަށް ދީފައިވާ ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށްޓަކައި، މި ސަރުކާރުން ވަނީ މާލީ އިޞްލާޙީ ސިޔާސަތުގެ ދަށުން ބޭންކުތަކަށް ވަންނަ ޑޮލަރުގެ ނިޒާމު ހަރުދަނާކޮށް، ދަރިވަރުންނަށާއި ބޭޭސްފަރުވާއަށް ދޫކުރާ ބޭރު ފައިސާގެ ޢަދަދު ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުކޮށްދީފައެވެ. ސަރުކާރުގެ ދިފާޢުގައި މަސައްކަތްކުރާ ބޭފުޅުން ވިދާޅުވާ ގޮތުގައި، ޙަޤީޤަތް އޮޅުވާލައިގެން ދައްކާ ވާހަކަތަކުގެ ހަމައެކަނި ބޭނުމަކީ ބްލެކް މާކެޓަށް ހިތްވަރުދީ، ޤައުމުގެ ކުރިއެރުމަށް ހުރަސްއެޅުމެވެ.