އޭވިއޭޝަން ދާއިރާއަށް ބޭނުންވާ ފަންނީ މީހުން ތަމްރީނުކުރުމަށްޓަކައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން އުފެއްދި “އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް” (އެއިމް) ރަސްމީކޮށް މިއަދު އިފްތިތާޙްކޮށްފިއެވެ.
އެގޮތުން، މި ރަސްމިއްޔާތުގެ ތެރެއިން، އެ އިންސްޓިޓިއުޓުން ހިންގި ފުރަތަމަ ކޯހުގެ ދަރިވަރުން ދަސްވެނިވެ، އެ ކުދިންނަށް ސަނަދުތައް ވަނީ ޙަވާލުކޮށްފައެވެ.ހުޅުލެ އައިލެންޑް ހޮޓެލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، އެމް.އޭ.ސީ.އެލްގެ އިސްވެރިންގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުޤީވެސްް ބައިވެރިވެވަޑައިގެންނެވިއެވެ.
ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ސަނަދުތައް ހަވާލުކޮށްދެއްވީ ސީއީއޯ އިބްރާހީމް ޝަރީފް އަދި އެވޯޑްތައް ހަވާލުކޮށްދެއްވީ ޗާންސެލަރ ޑރ. މަޙްމޫދު ޝައުޤީއެވެ.
ޝަރީފް ވިދާޅުވީ އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް މަޤްޞަދަކީ އެމް.އޭ.ސީ.އެލްގެ ތަޞައްވުރުގެ ދަށުން އޭވިއޭޝަން ދާއިރާއަށް ހުނަރުވެރި ފަންނީ މުވައްޒަފުން ބިނާކުރުން ކަމަށެވެ.އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި އިންސްޓިޓިއުޓަކީ އެއަރޕޯޓްތަކަށް ބޭނުންވާ ހުނަރުވެރި މުވައްޒަފުން ތަމްރީނުކުރުމަށް އެމް.އޭ.ސީ.އެލް އިން ގެންގުޅޭ ދުރު ރާސްތާގެ ތަޞައްވުރު ރަމްޒުކޮށްދޭ ތަނެކެވެ. މީގެއިތުރުން، ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުޤީ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ތަޢުލީމީ އަދި ހުނަރުވެރި މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް އެމް.އޭ.ސީ.އެލް އިން ކުރަމުންދާ ބިނާކުރަނިވި މަސައްކަތްތަކަށް ވަނީ ވަރަށް ބޮޑަށް ތަޢުރީފު ކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި އެއަރޕޯޓް ސެކިއުރިޓީ މެނޭޖްމަންޓް ކޯސް ފުރިހަމަކުރި 29 ދަރިވަރަކަށް ސަނަދު ދީފައިވެއެވެ. މިއީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ) އިން ހުއްދަދީފައިވާ، ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ސެޓްފިކެޓް ލެވެލް 3 ގެ ކޯހެކެވެ.އެގޮތުން، 1 ޖޫން އިން 9 ސެޕްޓެމްބަރު 2025 އަށް ކުރިއަށްގެންދިޔަ މި ކޯހަކީ އެމް.އޭ.ސީ.އެލްގެ އެސްޓޭޓް ސެކިއުރިޓީ ސާވިސްއާ އަލަށް ގުޅޭ މުވައްޒަފުން ތަމްރީނުކުރުމަށް ޚާއްޞަ ކޯހެކެވެ. މިއީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދަތުރުކުރާ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ބޮޑުކުރުމަށް ކުރާ މަސައްކަތްތަކުގެ ބައެއްކަމަށް އެމްއޭސީއެލް އިން ބުނެފައިވެއެވެ.