ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްމެ ފެންވަރު ރަނގަޅު ބޭސް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި، ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ހެލްތުކެއާ ފާމަސޫޓިކަލް ލިމިޓެޑް (އެޗްޕީއެލް) އާއެކު ސްޓޭޓްފާމާއިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ސްޓޭޓްފާމާއިން ހާމަކުރިގޮތުގައި، މިއީ ރާއްޖެއަށް ބޭނުންވާ މުހިންމު ބޭސްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށާއި، ބޭސް ބެހުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.ސްޓޭޓްފާމާ އިން ބުނިގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ކުންފުނީގެ ބައިނަލްއަޤްވާމީ ސަޕްލަޔަރުންގެ ވިއުގަ އިތުރަށް ވަރުގަދަވެ، ރާއްޖޭގެ ބޭހުގެ ސަޕްލައި ޗެއިން މަރުޙަލާތައް ހަރުދަނާވެގެންދާނެއެވެ. އަދި މިއީ އަސާސީ ބޭސްތައް ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދީ، ފެންވަރު ރަނގަޅު ފާމަސޫޓިކަލް އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ތަޢާރަފުކުރުމަށް ކުރާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
އެގޮތުން، ބައިނަލްއަޤްވާމީ ބާޒާރުގައި ބޮޑު އިތުބާރެއް ހޯދާފައިވާ އެޗް.ޕީ.އެލްގެ އުފެއްދުންތައް މިހާރުވެސް ޔޫރަޕް، އޭޝިއާ، އެފްރިކާ އަދި އެމެރިކާ ހިމެނޭހެން ދުނިޔޭގެ 32 އަށްވުރެ ގިނަ ޤައުމަށް އެކްސްޕޯޓް ކުރަމުންދާކަން އެ ކުންފުނިން ފާހަގަކުރެއެވެ.
ރާއްޖޭގެ ބާޒާރުން ބައެއް މުހިންމު ބޭސްތައް ހުސްވުމާއި، ބޭހުގެ އަގުތައް މަތިވުމުގެ ސަބަބުން ދިމާވެފައިވާ ބޭހުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ސްޓޭޓްފާމާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ރާއްޖޭގެ ސިއްހީ ނިޒާމަށް ބޭނުންވާ އަސާސީ އަދި ފުރާނައަށް ނުރައްކާވާ ފަދަ ބަލިތަކަށް ބޭނުންކުރާ ބޭސްތައް ސީދާ އުފައްދާ ކުންފުނިތަކުން ހޯދުމަށް ކުރާ މަސައްކަތުގެ ދަށުން، ޔޫރަޕްގެ މަޝްހޫރު ފާމަސޫޓިކަލް ކުންފުންޏެއް ކަމަށްވާ “އެސްޓްރާޒެނެކާ” އާއެކު މިދިޔަ ހަފުތާގައި ސްޓޭޓްފާމާއިން ވަނީ ޚާއްޞަ މަޝްވަރާތަކެއް ބާއްވާފައެވެ.