ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ބިނާކުރަމުންދާ ޢަރަބިއްޔާ ސްކޫލުގެ އައު ޢިމާރާތުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސައިޓަށް ޒިޔާރަތްކުރައްވައި ބައްލަވާލައއްވައިފިއެވެ.
އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ އައު ޢިމާރާތް ބިނާކުރުމުގެ މަޝްރޫޢަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ފަރާތުން 12 ނޮވެމްބަރު 2024 ގައި އާރް.ސީ.ސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
ރައީސް އޮފީހުން ބުނިގޮތުގައި، ޢަރަބިއްޔާ ސްކޫލުގެ އައު ސައިޓަށް ރައީސް ކުރެއްވި މި ޒިޔާރަތުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު އާއި އާރް.ސީ.ސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ރަޝީދެވެ. މި ރަސްމިއްޔާތުގެ ތެރެއިން އެ ސްކޫލުގެ ބައެއް ދަރިވަރުންނާއި މަތީ ތަޢުލީމަށް އުންމީދުކުރާ ކުދިން ރައީސާ ބައްދަލުކޮށް، އެކުދިންގެ ޝުޢޫރުތައް ޙިއްޞާކުރިއެވެ. ދަރިވަރުންގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު، ސަރުކާރުން ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އަދި މަތީ ތަޢުލީމު ކުރިއެރުވުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދޭނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް 31 ޑިސެމްބަރު 2026 ގެ ނިޔަލަށް ނިންމައި، 2027 ވަނަ އަހަރުގެ އައު ދިރާސީ އަހަރާއެކު އެ ތަނުގައި ކިޔަވައިދޭން ފެށުމަށް ވަނީ ތާވަލުކޮށްފައެވެ. ޖުމްލަ 8 ފަންގިފިލާއަށް ބިނާކުރާ މި ޢިމާރާތުގައި، ކްލާސްރޫމްތަކުގެ އިތުރުން ތަޢުލީމު ފޯރުކޮށްދިނުމަށް ބޭނުންވާ ޒަމާނީ ހުރިހާ ވަސީލަތްތަކެއް ޤާއިމުކުރެވޭނެއެވެ.