ދިވެހިބަހުން ވާހަކަދައްކަން މި ޖީލުގެ ކުދިން ފަސްޖެހުމާއި، މާދަރީ ބަސް ބޭނުންކުރުމުގައި އުނދަގޫތަކެއް ހުރުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެެވެ.
ވާހަކަދެއްކުމުގެ 39 ވަނަ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ހީނާ ވިދާޅުވީ، އަންނަން އޮތް ޖީލުތަކުގެ ކުދިންގެ ކިބައިގައި ވާހަކަދެއްކުމުގެ ޤާބިލުކަން އަށަގަންނުވަން ޖެހޭކަމަށެވެ. އެކަމަނާ ފާހަގަކުރެއްވި ގޮތުގައި، މި ހުނަރަކީ ވަށައިގެންވާ މީހުންނާ މުޢާމަލާތުކުރުމުގައާއި އަމިއްލަ މުސްތަޤްބަލުގެ ކެރިއަރުން ކާމިޔާބީ ހޯދުމުގައި ކުދިންނަށް ނުހަނު ބޭނުންތެރިވާނެ ސިފައެކެވެ. މީގެއިތުރުން، މިހާރުގެ ޑިޖިޓަލް މާހައުލުގައި މެސެޖު އެޕްތައް މެދުވެރިކޮށް ޗެޓްކުރުން އާންމުވެފައިވުމުގެ ސަބަބުން، ބައެއް ކުދިންނަށް މީހުންނާ ކުރިމަތިލައިގެން ސީދާ ވާހަކަދައްކަން އުނދަގޫވާކަންވެސް ހީނާ ފާހަގަކުރެއްވިއެވެ.
“އަޅުގަނޑުމެންގެ މާދަރީ ބަހުން، ދިވެހި ބަހުން ވާހަކަދައްކަން ބޮޑެތިވާ ކުދިން، ޖެހިލުންވާތަން ނުވަތަ ދަތިވާތަން ވެސް އަޅުގަނޑުމެންނަށް ފެނޭ. މިއީ އަޅުގަނޑުމެން ވަރަށް ވިސްނަން ޖެހޭ ކަމެއް.”
ހީނާ ވިދާޅުވީ ވާހަކަދެއްކުމުގެ މުބާރާތްތަކާއި އެފަދަ އެހެނިހެން ހަރަކާތްތައް ބޭއްވުމުގެ މަޤްޞަދަކީ ކުދިންގެ މުޢާމަލާތުކުރުމުގެ ހުނަރުތައް ތަރައްޤީކޮށް، ރަނގަޅަށް ވާހަކަދައްކަން ހިތްވަރުދިނުން ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކުދިންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެ، ގިނަ ބައެއްގެ ކުރިމަތީގައިވެސް ޖެހިލުމެއްނެތި ފާޅުގައި ވާހަކަދައްކަން ކެރޭ ޖީލެއް ބިނާވުމަށް މަގުފަހިވާނެ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.