އޮފީހަށް ނިކުންނައިރު ކޮންމެ މުވައްޒަފެއްގެ ހިތުގައިވެސް އާއިލީ، ޞިއްޙީ، އަދި ދަރިންގެ ކިޔެވުން ފަދަ ކަންކަމާ ގުޅޭ ތަފާތު ފިކުރުތަކާއި އުދާސްތައް ހުންނާނެތީ، ކޮންމެ މީހެއްގެވެސް ނަފުސާނީ ޙާލަތަށް ފަރުވާތެރިވެ ސަމާލުކަން ދޭންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިފަދައިން ވިދާޅުވީ، މަސައްކަތު މާހައުލުގައި ނަފުސާނީ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ބޭއްވި މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓާއި، ސިވިލް ސަރވިސް ކޮމިޝަނުގެ އިތުރުން ޑަބްލިއު.އެޗް.އޯ މޯލްޑިވްސް ގުޅިގެން ސިވިލް ސަރވިސްގެ މެނޭޖަރުންނާއި ސުޕަވައިޒަރުންނަށް އަމާޒުކޮށްގެން ބާއްވާ ދެ ދުވަހުގެ މި މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ދިވެހި ސިވިލް ސަރވިސްގެ އެތައް ހާސް މުވައްޒަފުންގެ ނަފުސާނީ ދުޅަހެޔޮކަމަށް އަޅާލުމަކީ ނުހަނު ބޭނުންތެރި ކަމެއްކަން ފާހަގަކުރެއްވި އެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ތަފާސްހިސާބުތަކާ ޙަވާލާދެއްވައި އެކަމަނާ ވިދާޅުވީ، ޑިޕްރެޝަނާއި ހާސްކަމުގެ ސަބަބުން އަހަރަކު 12 ބިލިއަން މަސައްކަތު ދުވަސް ގެއްލި، އުފެއްދުންތެރިކަމުން 1 ޓްރިލިއަން ޑޮލަރުގެ ގެއްލުން ދުނިޔެއަށް ވާކަމަށެވެ. އަދި 2021 ގެ ސްޓެޕްސް ސާވޭއިން ރާއްޖޭގެ ކޮންމެ 5 މީހަކުން 1 އަކީ ޑިޕްރެޝަން ތަހައްމަލުކުރާ މީހެއްކަން އެނގޭތީ، މަސައްކަތު މާހައުލުގެ ތަފާތުކުރުންތަކާއި ނުތަނަވަސްކަން ނައްތާލަން އެކަމަނާ ގޮވާލެއްވިއެވެ.
މި މަހާސިންތާގެ އަލީގައި، ދިރާސާތަކަށް ބިނާކޮށް ޢިލްމީ އަދި އަމަލީ ކަރުދާސްތަކެއް ތައްޔާރުކުރުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ދިވެހި އޮފީސްތަކަކީ މުވައްޒަފުންގެ ނަފުސާނީ ދުޅަހެޔޮކަން ކަށަވަރުވެ، ޚިދުމަތް ހޯދާ ފަރާތްތަކަށް ހިތްހަމަޖެހުން ލިބޭ ތަންތަނަށް ހެދުމާއެކު، ހުރިހާ މުވައްޒަފުންނަށް އިޙްތިރާމްކުރާ އެކުވެރި މާހައުލެއް ބިނާކޮށްގެން އުފެއްދުންތެރިކަން އިތުރުކުރުމަށް އެކަމަނާ އެދިވަޑައިގަތެވެ.