ކޮންމެ ދިވެހި ޒުވާނަކަށްވެސް އެ މީހެއްގެ ފުރިހަމަ ޤާބިލިއްޔަތަށް ވާސިލުވެވޭނޭ ފަދަ ފަހި މާހައުލެއް އުފައްދައިގެން، ޒުވާނުން ބާރުވެރިކުރުވުމުގެ ޢަޒުމުގައި ދިވެހި ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސް މިހެން ވިދާޅުވީ، ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ފޮނުއްވި ހާއްސަ މެސެޖުގައެވެ.
އެކި ރަށްތަކާއި މުޖުތަމައުތަކުގެ އިތުރުން ތަފާތު ސަގާފަތްތަކަށް ނިސްބަތްވާ ޒުވާނުން ދިރިއުޅެމުންދަނީ އެކި ކަހަލަ ހާލަތްތަކެއްގައިކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ހުރިހާ ޒުވާނުންގެވެސް ބޭނުންތަކާއި އުންމީދުތައް އެއްގޮތްކަން ބަޔާންކުރައްވަމުން، އެމަނިކުފާނު ވިދާޅުވީ، ފެންވަރު ރަނގަޅު ތައުލީމާއި، ރަނގަޅު ފުރުސަތުތަކާއި، އަބުރުވެރި ދިރިއުޅުމަކާއެކު އަމިއްލަ ނަފްސަށާއި އާއިލާއަށް ފަހި މުސްތަގުބަލެއް ހޯދުމަކީ ހުރިހާ ޒުވާނުންވެސް އެދޭ ކަމެއް ކަމަށެވެ.
ޒުވާނުންކަން ފާހަގަކުރައްވައި، ގައުމުގެ މުސްތަގުބަލު ބިނާކުރުމުގައި އެމީހުންގެ ދައުރު ބޮޑުކަން ރައީސް ހަނދާންކޮށްދެއްވިއެވެ. މީގެއިތުރުން، ދީނީ ކަންކަމާއި، ތައުލީމާއި، ސައިންސާއި ކުޅިވަރުގެ ދާއިރާއިން ޒުވާނުން ހޯދަމުންދާ ކާމިޔާބީތަކަށް އެމަނިކުފާނު ސާބަސްދެއްވިއެވެ. އަދި މި ކުރިއެރުންތަކުން ދޭހަވަނީ މިހާރުގެ ޒުވާން ޖީލަކީ ކާމިޔާބީއަށް ވާސިލުވުމަށް ގަދައަޅައި މަސައްކަތްކުރާ ޖީލެއްކަން ކަމުގައިވެސް ވިދާޅުވިއެވެ.
މީގެއިތުރުން، ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހާ ގުޅިގެން “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައިވެސް، ގައުމުގެ މުސްތަގުބަލު ބައްޓަންކުރުމުގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުވެސް ވަނީ “އެކްސް” ގައި މެސެޖެއް ހިއްސާކުރައްވާފައެވެ. އެކަމަނާ ވިދާޅުވީ، ކޮންމެ ރަށަކަށް ނިސްބަތްވިޔަސް އަދި ކޮންމެފަދަ ހާލަތެއްގައި އުޅެންޖެހުނަސް، ކޮންމެ ޒުވާނެއްގެ ހުވަފެންތަކަކީވެސް މުހިންމު އެއްޗެއް ކަމަށެވެ. އަދި ވަކި ރަށަކަށް ނުވަތަ ހާލަތަކަށް ބެލުމެއްނެތި، ހުރިހާ ޒުވާނުންނަށް ހަމަހަމަ ފުރުސަތުތައް ލިބިދޭ އަދި އެމީހުންގެ ގާބިލިއްޔަތު ކުރިއެރުވުމަށް ހުރަހެއްނެތް ފަދަ ރާއްޖެއެއް ބިނާކުރުމަށް އެކަމަނާ ގޮވާލެއްވިއެވެ.