އާއިލާގެ ތެރެއިން ކުއްޖާގެ ރައްކާތެރިކަން ކަށަވަރުނުކުރެވޭ ހާލަތްތަކުގައި މެނުވީ ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނުނަގާނެ ކަމަށާއި، ދާދިފަހުން ވިހެއުމާއެކު ދައުލަތަށް ނެގި ތުއްތު ކުއްޖާގެ ކަންކަން ކުރިއަށްގެންދިޔައީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ކުއްޖަކު ދައުލަތަށް ނެގެމާއި ގުޅިގެން އެކުއްޖާގެ މަންމަ ވަނީ ސޯޝަލްމީޑިއާގައި، ބޮޑެތި ތުހުމަތުތަކެއް ކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ. މީޑިއާގައި ކަންބޮޑުވުން ފާޅުކޮށް ސުވާލުތަކެއް އުފައްދާފައެވެ. އުމުރުން 25 އަހަރުގެ އެ މަންމަ ބުނި ގޮތުގައި، ކުއްޖާ ދައުލަތަށް ނެގީ އޭނާގެ ނަފްސާނީ ދުޅަހެޔޮކަމަށް ބަލައި އަދި އަތުގައި ހުރި ނުކުޅެދުންތެރިކަމަކަށް ރިއާޔަތްކޮށެވެ. އަދި ކުއްޖާ ނަގާފައިވަނީ އޭނާގެ ނުރުހުމުގައި، ވިހޭތާ ތިންވަނައަށް ފުރޭ ދުވަހު ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
މިކަމާއި ގުޅިގެން، ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ގާނޫނުއަސާސީގެ 35 ވަނަ މާއްދާއިން ދައުލަތުގެ މައްޗަށް ލާޒިމުކުރާ ޒިންމާއެއް ކަމަށާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 8 ވަނަ މާއްދާގެ ދަށުން ނިންމުންތައް ނިންމުމުގައި ކުއްޖާގެ އެންމެ މަތީ މަސްލަހަތަށް އިސްކަންދޭންޖެހޭނެ ކަމަށެވެ. ކުދިންނަށް ޚާއްސަ ހިމާޔަތް ލިބުމަކީ ގާނޫނީ ހައްގެއްކަން ފާހަގަކޮށް، މުޖުތަމައުއާއި އާއިލާގެ ދައުރު ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުން، ކުޑަކުދިންނާ ގުޅޭގޮތުން ހުށަހެޅޭ ކޮންމެ މައްސަލައެއްގައި ވެސް ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ނަގާނީ، އާއިލާގެ ތެރެއިން އެ ކުއްޖާއަށް ލިބެންޖެހޭ ރައްކާތެރިކަން ކަށަވަރުނުކުރެވޭ ހާލަތްތަކުގައެވެ. އަދި ކުއްޖާގެ ވަށައިގެންވާ ހުރިހާ ހާލަތްތަކެއް ދެނެގަނެ، އެ ކަންކަމަށް ފުރިހަމައަށް ރިއާޔަތްކުރުމަށްފަހު މެނުވީ، ދައުލަތުގެ ބެލުމުގެ ދަށަށް އެއްވެސް ކުއްޖަކު ނުނަގާނެ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
ހަމަމިއާއެކު، އެ ވުޒާރާއިން ބުނީ މިނިސްޓްރީން ބުނީ ކުއްޖާގެ ރައްކާތެރިކަން ގެއްލޭ ހާލަތްތަކުގައި ވެސް، ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ކުރިން މައިންބަފައިންނާއެކު ބަހައްޓައިގެން ކުއްޖާގެ ހައްގުތައް ހިމާޔަތްކުރުމަށް އަބަދުވެސް މަސައްކަތްކުރާނެ ކަމަށެވެ. އަދި މައިންބަފައިންނާ އެކު ނުބެހެއްޓޭ ނަމަ، އާއިލާގެ ތެރެއިން ރައްކާތެރިކަން ފޯރުކޮށްދެވޭނެ އެހެން ފަރާތަކާ ކުއްޖާ ހަވާލުކުރުމަށް އިސްކަންދޭނެ ކަމަށާއި، ދައުލަތަށް ކުއްޖަކު ނަގާނީ މައިންބަފައިންނާއި އާއިލާގެ އެއްވެސް މީހަކަށް އެ ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކޮށްނުދެވޭ ހާލަތްތަކުގައި އެކަނި ކަމަށް ބަޔާނުގައިވެއެވެ.
އެ ވުޒާރާއިން އިތުރަށް ބުނެފައިވަނީ، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ މީހުންނާއި ކުޑަކުދިންނާ ގުޅުވައިގެން މީޑިއާގެ އެކި ވަސީލަތްތަކުގައި ހަގީގަތާ ހިލާފު ޚަބަރުތައް ފެތުރުމަކީ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ. އަދި މިފަދަ މައުލޫމާތުތައް ފެތުރުމުގައި ސަމާލުވުމަށާއި، ދޮގު މައުލޫމާތު ނުފެތުރުމަށް އެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.
ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަންސް އިން އާއިލާއަށް ފޮނުވި ސިޓީއެއްގައި ކުއްޖާ ދައުލަތަށް ނެގި ސަބަބުތައް ވަނީ ތަފްސީލުކޮށްދީފައެވެ. އެ ސިޓީގައިވާ ގޮތުން ކުއްޖާ ނަގާފައިވަނީ އޭނާގެ ރައްކާތެރިކަމާ ގުޅޭ ކަންބޮޑުވުންތަކެއް އެ އެޖެންސީއަށް ހުށަހެޅުމާ ގުޅިގެންނެވެ. އަދި ކައިވެނިން ބޭރުން ކުއްޖާ ހޯދި މަންމަ ދިރިއުޅޭ މާހައުލާއި، އޭނާގެ ނަފްސާނީ ހާލަތުގެ އިތުރުން އަތުގެ ނުކުޅެދުންތެރިކަމާއި، އާއިލާގެ ތެރެއިން ކުއްޖާ ބަލާނެ އިތުރު މީހަކު ނެތުމަކީ ކުއްޖާ ދައުލަތަށް ގެންދަންޖެހުނު މައިގަނޑު ސަބަބުތައް ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.