ހިނގަމުންދާ 2026 ވަނަ އަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި ފުލުހުން މުޅި ރާއްޖޭގައި ހިންގި ބޮޑެތި އޮޕަރޭޝަންތަކުގައި 144 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ، ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތައް ވަރުގަދަކޮށްފައިވާއިރު، މި މުއްދަތުގައި ޖުމްލަ 1،875 މީހުން ހައްޔަރުކޮށް، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކްތަކުގެ މާލީ މުއާމަލާތްތައް ހޯދުމުގެ ފުޅާ ތަހުގީގުތަކެއް ވެސް ވަނީ ފަށާފައެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ފާއިތުވި ހަތް މަސްދުވަހުގެ ތަފާސްހިސާބުތައް ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް މާލެއާއި އަތޮޅުތެރޭގައި ޖުމްލަ 1,141 އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް ހިންގި މި ހަރަކާތްތަކުގައި 23,000 އަށްވުރެ ގިނަ މީހުންނާއި 7,300 އަށްވުރެ ގިނަ ތަންތަން ބަލައިފާސްކޮށްފައިވެއެވެ. އަދި މި އޮޕަރޭޝަންތަކުގެ ތެރެއިން 144.341 ކިލޯގެ މަސްތުވާތަކެތީގެ އިތުރުން 1,856 ފުޅި ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.
ފުލުހުން ހާމަކުރިގޮތުގައި ފާއިތުވި 7 މަސްދުވަހު ތަހުގީގުކުރި މަސްތުވާތަކެތީގެ 1,533 މައްސަލައިގެ ތެރެއިން 634 މައްސަލައެއްގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ރާއްޖޭގެ 17 އަތޮޅެއްގައި ހިންގި 260 ޚާއްޞަ އޮޕަރޭޝަނެއްގައި 298 މީހަކު ބަންދުކޮށްފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.