ރާއްޖޭގެ މާލީ ނިޒާމުގެ އިތުބާރު ނަގާލުމަށް ދޮގު ޚަބަރު ފެތުރުމަކީ ބޭރުގެ މާލީ އިދާރާތަކާ އެކު އޮންނަ ކޮރެސްޕޮންޑެންޓް ބޭންކިންގ ގުޅުންތަކަށް ބުރޫއަރާނެ ކަމެއް ކަމަށެވެ. މީގެ ސަބަބުން ބޭރު ގައުމުތަކުގައި ތިބޭ ދިވެހި ދަރިވަރުންނަށާއި، ބޭރަށް ފައިސާ ފޮނުވާ ވިޔަފާރިވެރިންނަށް ކާޑު ބޭނުންކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށްއިކޮނޮމިކް،މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސަޢީދު އިތުރަށް ވިދާޅުވީ ބޭރުގެ މާލީ އިދާރާތަކާ ގުޅުން ކެނޑިއްޖެނަމަ، އޭގެ ސީދާ ގެއްލުން އާންމު ރައްޔިތުންނަށް ކުރާނެ ކަމަށެވެ. އެގޮތުން ބޭރުގައި ތިބޭ ދިވެހިން ކާޑުން މުއާމަލާތް ކުރުމާއި ފައިސާ ފޮނުވުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިދިޔަ އަހަރު މަހަކު އެވްރެޖްކޮށް 40 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މިއަހަރުގެ މިހާތަނަށް މަހެއްގެ މައްޗަށް 81 މިލިއަނަށް ވުރެ ގިނަ ޑޮލަރު ބޭންކުން ވިއްކަމުންދާ ކަމަށް ސަޢީދު ވިދާޅުވެއްޖެއެވެ. މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ޖުމްލަ 570 މިލިއަން ޑޮލަރު ބޭންކުން ވިއްކާފައިވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
މިނިސްޓަރު ސައީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިނަ މޯލްޑިވްސްގެ ސީއީއޯ ފިރާގު ފާހަގަކުރެއްވީ، މީޑިއާތަކުން ކަޅު ބާޒާރުގެ ޑޮލަރު ރޭޓުތައް ރިޕޯޓުކުރުމުގެ ސަބަބުން މާކެޓުގެ އަގުތަކަށް ސީދާ ނޭދެވޭ އަސަރުތަކެއް ކުރާ ކަމަށެވެ. ބައެއް އެހެން ގައުމުތަކުގައި މިއީ ގާނޫނީ ގޮތުން ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމެއްކަން ފާހަގަކުރައްވައި، ރާއްޖޭގައިވެސް މިކަން ހުއްޓުވަން ގާނޫނީ ހައްލެއް ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ މާލީ ސިޔާސަތު ޒަމާނީކޮށް، މިހާރު އޮތް “ޑުއެލް ކަރަންސީ” ނުވަތަ ދެ ފައިސާ ބޭނުންކުރުމުގެ ނިޒާމު ދޫކޮށްލުމަށްފަހު، ހަމައެކަނި ދިވެހި ފައިސާ ބޭނުންކުރާ “ސިންގަލް ކަރަންސީ” ނިޒާމަކަށް ބަދަލުވާންޖެހޭ ކަމަށްވެސް ފިރާގު ވިދާޅުވިއެވެ.
އެންސިސް ފިޝަރީޒްގެ ކޯ-އޯނަރު ޢަބްދުލްވާޙިދު ތައުފީޤު ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ތާށިކަމަށް ދާއިމީ ހައްލެއް ހޯދެން އޮތީ މަސްވެރިކަމުގެ ސިނާއަތް މިހާރަށްވުރެ ފުޅާކޮށްގެންނެވެ. ފަތުރުވެރިކަމަށްފަހު ރާއްޖެއަށް އެންމެ ގިނައިން ބޭރު ފައިސާ ވަންނަނީ މަސްވެރިކަމުންކަން ފާހަގަކުރައްވައި، މަހުގެ އުފެއްދުންތައް އިތުރުކޮށް ބޭރުގެ ބާޒާރުތަކަށް ނެރެގެން، ގައުމަށް ވަންނަ ޑޮލަރުގެ މިންވަރު ދިހަ ގުނައަށް މަތިކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަމާ ގުޅިގެން ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓު މަތިވަމުންދާ މައްސަލައަކީ ފަހަކަށް އައިސް ބޮޑުވެފައިވާ ކަންބޮޑުވުމެކެވެ. މީޑިއާތަކުންނާއި ސޯޝަލް މީޑިއާގައި ކަޅު ބާޒާރުގެ ރޭޓުތައް ރިޕޯޓުކުރުމުގެ ސަބަބުން މާކެޓުގައި ނުތަނަވަސްކަން އުފެދޭ ކަމަށް މާލީ އިދާރާތަކުން ފާހަގަކުރެއެވެ.