ދައުލަތް ހިފަހައްޓައިދޭ މުހިންމު މުއައްސަސާތަކުގެ އަގުވައްޓާލައި ނަފުރަތު ފެތުރުން ހުއްޓުވުމަށް، މިހާރު ހުރި ގާނޫނުތަކަށް ބަދަލުތަކެއް ގެނެސް ގާނޫނީ ހައްލެއް ހޯދަން ޖެހިފައިވާ ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ޙަމީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިޙުސާން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތާއި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު އޮންނަ ރައްޔިތުންގެ އިތުބާރު ސިޔާސީ ބޭނުންތަކަށްޓަކައި ނަގާލައިގެން ނުވާނެ ކަމަށެވެ.
އަދި މިހާރު ހުރި ގާނޫނުތަކުގެ ތެރެއިން ލިބިދޭ ރައްކާތެރިކަން އެކަށީގެންނުވާ ކަން ފާހަގަކުރައްވައި، ސަލާމަތީ ބާރުތަކުގެ އަގުވައްޓާލަން މަސައްކަތްކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނެ ފަދަ ގާނޫނީ ފިޔަވަޅުތަކެއް ތައާރަފްކޮށްދިނުމަށް މިނިސްޓަރު ވަނީ މަޖިލީހުގެ މެންބަރުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.
“ފުލުހުންނާއި، އެމްއެންޑީއެފްގެ އިތުރުން މި ޢިއްޒަތްތެރި މަޖިލީހުގެވެސް އަގުވައްޓާލަން މަސައްކަތްކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅޭނެ ގޮތް ހެދުމަށްޓަކައި، ގާނޫނުތަކާއި ގަވާއިދުތައް އިސްލާހުކޮށްދެއްވުމަށް އަޅުގަނޑު އިލްތިމާސްކުރަން،”
މިނިސްޓަރު އިޙުސާން ވިދާޅުވީ، ފުލުހުންނާއި ދައުލަތުގެ އެހެނިހެން މުއައްސަސާތަކަށް އޮންނަ ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަކީ ސިޔާސީ ކަމަކަށް ހަދައިގެން ނުވާނެ ކަމަށެވެ. އަދި ވެރިކަމުގައި އޮންނަނީ ކޮންމެ ސަރުކާރެއް ނުވަތަ ކޮންމެ ސިޔާސީ ފިކުރެއް ކަމުގައި ވިޔަސް، އެ މުއައްސަސާތަކުގެ ގަދަރާއި ހައިބަތު ހިފަހައްޓަންޖެހޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ފުލުހުންނާއި އެމްއެންޑީއެފް ފަދަ ސަލާމަތީ ބާރުތަކަށް އޮންނަ އިތުބާރު ނަގާލައި، ސިޔާސީ މަންފާ ހޯދުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ދީގެން ނުވާނެ ކަމަށްވެސް މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވިއެވެ.
މިނިސްޓަރު އިޙުސާން މީގެ ކުރިންވެސް ވިދާޅުވެފައިވަނީ ގާނޫނުއަސާސީން ލިބިދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ހައްދެއް ނެތް ހައްގުތަކެއް ނޫން ކަމަށާއި، ދައުލަތުގެ ވެރިންނާއި މުއައްސަސާތަކަށް އަމާޒުކޮށް ދޮގު މައުލޫމާތާއި ނަފުރަތު ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން، ފުލުހުންނާއި ސިފައިންނާ މެދު ރައްޔިތުންގެ މެދުގައި ނަފުރަތު އުފައްދަން ކުރާ މަސައްކަތްތަކަށް މިހާރު ހުރި ގާނޫނުތަކުން އެކަށީގެންވާ އަދަބެއް ނުދެވޭތީ، މިއީ ގައުމީ ސަލާމަތަށް ހުރަސްއެޅޭ ކަމެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.