ޒުވާން ފާމަސިސްޓުން ތަމްރީނުކުރުމާއި ދާއިރާއިން މަތީ ތައުލީމު ހާސިލުކުރާ ކުދިންގެ އަދަދު އިތުރުކުރުމަށް ސްޓޭޓްފާމާ އިން ވިލާ ކޮލެޖާ އެކު މަޝްވަރާކޮށްފިއެވެ.
މީގެ އިތުރުން، މިހާރު މި ދާއިރާގައި މަސައްކަތް ކުރަމުންދާ ހުރިހާ ފަރާތްތަކުގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށްޓަކައި، ވިލާ ކޮލެޖާ ގުޅިގެން ހާއްސަ ރިފްރެޝަރ ކޯސްތަކެއް ހިންގުމާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ. ސްޓޭޓްފާމާ އިން ހާމަކުރި ގޮތުގައި، ދިވެހި ޒުވާނުން ބިނާކުރުމަށާއި އެފަރާތްތަކަށް ކުރިއަށްދިއުމުގެ މަގުތައް ތަނަވަސްކޮށްދިނުމަށް ކުންފުނީގެ ދޮރުތައް އަބަދުވެސް ހުންނާނީ ހުޅުވިފައެވެ.
ސްޓޭޓްފާމާ އަކީ ރާއްޖެއަށް ބޭނުންވާ ބޭހާއި، މެޑިކަލް ކޮންސިއުމަބަލްސް އަދި ސިއްހީ ސާމާނު އެތެރެކުރުމާއި ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އުފެއްދެވި ސަރުކާރުގެ ސައްތަ އިންސައްތަ ހިއްސާވާ ކުންފުންޏެކެވެ.