“ފްރެންޑް 4” ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް 9,000 އަށްވުރެ ގިނަ އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ކަނޑާއި ވައިގެ މަގުން ބަލާފައިވާ ކަމަށް އެމްއެންޑީއެފް އިން ހާމަކޮށްފިއެވެ.
އެމްއެންޑީއެފް އިން ހާމަކުރިގޮތުގައި, އެމްއެންޑީއެފުން ހާމަކުރި ގޮތުގައި، “ފްރެންޑް 4” ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަނުގައި ވައިގެ މަގުން 7,512 އަކަ ނޯޓިކަލް މޭލު އަދި ކަނޑުމަގުން 1,970.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ. ނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން އޭގެ ތެރެއިން އެކަކުވެސް ފެނިފައެއް ނުވެއެވެ.
ލ. އަތޮޅުން ހުވަދު އަތޮޅަށް ހިލަ އާއި ވެލި ބަރުކޮށްގެން ދަތުރުކުރި “ފްރެންޑް 4” ސަޕްލައި ދޯނި ގއ. ކޮލަމާފުށީގެ އިރުއުތުރުން 8 މޭލު ބޭރުގައި ބަންޑުން ޖަހާލާފައިވަނީ ކަނޑުގަދަވެ ދިޔަވުމުގެ ސަބަބުންނެވެ.
ދޯނި ސަލާމަތްކުރަން ޕަންޕު ޖަހަން އުޅެނިކޮށް، ކުއްލިއަކަށް 1،645 މީޓަރުގެ ފުން ކަނޑުގެ އަޑިއަށް ދޯނި ގޮސްފައިވާއިރު، ކެޕްޓަނާއި އެހީތެރިވުމަށް ހަރަކާތްތެރިވި ސިފައިންގެ އޮފިސަރަކާއި ފުލުސް އޮފިސަރަކު ވަނީ ގެއްލިފައެވެ.
ގެއްލުނު ތިން މީހުން ހޯދުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯޕްސް ގުޅިގެން ދަނީ ހުއްޓުމެއްނެތް ބޮޑުއޮޕަރޭޝަނެއް ހިންގަމުންނެވެ.
މި އޮޕަރޭޝަނުގައި އެމްއެންޑީއެފްގެ ޔޫއޭވީ (ޑްރޯން) ތަކާއި މޯލްޑިވިއަންގެ މަތިންދާބޯޓު ބޭނުންކޮށްގެން ވައިގެ މަގުން 7,512 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާއިރު، ކޯސްޓްގާޑާއި ފުލުހުންގެ އުޅަނދުތަކުގައި ކަނޑުމަގުން 1,970.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ފާސްކޮށްފައެވެ.
ނަމަވެސް ދޯނި އަޑިއަށް ގޮސްފައިވަނީ 1,645 މީޓަރުގެ ފުން ސަރަހައްދަކަށް ކަމަށްވާތީ އެ ސަރަހައްދު ބެލުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް ބޭރުގެ ގައުމުތަކާ އެކު ސަރުކާރުން ދަނީ މަޝްވަރާ ކުރަމުންނެވެ.