ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ސެކްރެޓަރީ ޖެނެރަލް، ހިޒް އެކްސެލެންސީ އެމް.ޑީ. ގޯލަމް ސަރުވަރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދިން ގޮތުގައި، މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސެކްރެޓަރީ ޖެނެރަލްގެ ދައުރުގައި ކުރެއްވި އިޚްލާޞްތެރި މަސައްކަތްތަކަށާއި ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ސާކްއިން އަދާކުރާ މުހިއްމު ދައުރަށް އަލިއަޅުއްވާލައްވައި، ޖަމްޢިއްޔާ ވަރުގަދަކުރުމަށް ދިވެހި ސަރުކާރުން އަބަދުވެސް އިސްކަންދޭނެ ކަމުގެ ޔަގީންކަން ރައީސް ތަކުރާރުކުރެއްވިއެވެ. މީގެ އިތުރުން ސެކްރެޓަރީ ޖެނެރަލްގެ ހިންގުންތެރި ލީޑަރޝިޕަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުރީފު ކުރައްވާފައެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި،މި ބައްދަލުވުމުގައި ސާކްގެ ސެކްރެޓަރީ ޖެނެރަލް ވަނީ ރާއްޖެއިން ޖަމްޢިއްޔާއަށް ދޭ ދެގޮތެއްނުވާ އެއްބާރުލުމަށާއި، ޖަމްޢިއްޔާ ހަރުދަނާކުރަން ރައީސް ކުރައްވާ މަސައްކަތްޕުޅުތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ސާކް އުފެއްދި މެންބަރު ޤައުމެއްގެ ޙައިސިއްޔަތުން ރާއްޖޭގެ މުހިއްމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ދެ ބޭފުޅުން ވަނީ ސަރަޙައްދީ ގުޅުން ބަދަހިކުރުމާއި، ގުޅިގެން ކުރިއެރުން ހޯދޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
އެގޮތުން،ބައްދަލުވުން ނިންމަވާލައްވަމުން ރައީސް ވަނީ ސެކްރެޓަރީ ޖެނެރަލްގެ ކުރިމަގަށް ކާމިޔާބީއަށް އެދިވަޑައިގެން، މެންބަރު ޤައުމުތަކުގެ ގާތްގުޅުން ބަދަހިކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ. ރާއްޖެއަކީ 8 ޑިސެމްބަރު 1985 ގައި ބަންގްލަދޭޝްގެ ޑާކާގައި ސާކް އުފެއްދުމުގައި ސޮއިކުރި މެންބަރު ޤައުމެކެވެ.