ރާއްޖޭގެ ވަޒީފާގެ ބާޒާރު ހަރުދަނާކޮށް ޒަމާނީކުރުމަށް ނޭޝަނަލް ކެރިއަރ ސަރވިސްއިން “މައި ކެރިއަރ ޕޯޓަލް” އިފްތިތާޙުކޮށްފިއެވެ.
މި ޕޯޓަލް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. މިއީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގެ ކަންކަމާއި، މުވައްޒަފުން ހޯދުމުގެ ނިޒާމުގެ އިތުރުން ކެރިއަރ ޑިވެލޮޕްމަންޓްގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ޚާއްޞަކޮށް ފަރުމާކޮށްފައިވާ ޒަމާނީ ޕްލެޓްފޯމެކެވެ.
މި ޕޯޓަލްއަކީ ނޭޝަނަލް ކެރިއަރ ސަރވިސް (އެން.ސީ.އެސް) އިން އިސްނަގައިގެން، ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްދާ “ސެއިލްސް”ޕުރޮޖެކްޓުންނެވެ. މި ޕޯޓަލްގެ މައިގަނޑު މަޤްޞަދަކީ ވަޒީފާ ހޯދާ ފަރާތްތަކާއި، ވަޒީފާދޭ ފަރާތްތަކުގެ އިތުރުން ކެރިއަރ އެޑްވައިޒަރުން އެއް ވިއުގައަކުން ގުޅުވާލައި، ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ލުއިފަސޭހަ ނިޒާމެއް ޤާއިމުކުރުމެވެ.
މައި ކެރިއަރ ޕޯޓަލް މެދުވެރިކޮށް ކެރިއަރ ގައިޑަންސް، ޕާތުވޭ ޑިޒައިނަރ، މައިލްސްޓޯން ޓްރެކަރ، އަދި ވަޒީފާއާ ގުޅުވައިދިނުމުގެ ހިދުމަތްތައް ލިބިގެންދެއެވެ. މި ޕޯޓަލްއިން ތަމްރީނުލިބިފައިވާ ކައުންސިލަރުންގެ އެހީތެރިކަމާއި، ވަޒީފާގެ ފުރުސަތުތަކާއި، އަދި ކެރިއަރ ޕްލޭންތައް ބަލަހައްޓައިދެއެވެ.