ނިމިދިޔަ ސަރުކާރުން ބަޔަކާ ހަވާލުކޮށްގެން ކުރިއަށް ނުގެންގޮސް ހުއްޓިފައިވާ ސިއްހީ ދާއިރާގެ މަޝްރޫތަކުގެ އެއްބަސްވުންތައް ބާތިލުކުރުމުގެ ސަބަބުން، ދައުލަތުން އެޑްވާންސްގެ ގޮތުގައި ދޫކުރި 60 މިލިއަނަށްވުރެ ގިނަ ރުފިޔާ އިސްރާފުވެފައިވާ ކަމަށް ހެލްތް މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ސިއްހީ ޚިދުމަތްތައް ތަރައްގީކުރުމަށް އެކި ފަރާތްތަކާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ކުރިއަށްނުދިއުމުގެ ސަބަބުން އެ އެއްބަސްވުންތައް ވަނީ އުވާލަން ޖެހިފައެވެ. އަދި މި މަޝްރޫއުތަކަށް ފައިސާގެ ގޮތުގައި ދައުލަތުން ދޫކުރި 60 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭކާރުވެފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމާއި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
“ނިމިދިޔަ ސަރުކާރުން ކެލާ ސިއްހީ މަރުކަޒުގެ އައު އިމާރާތް، ބިނާކުރުމަށް އެ މަސައްކަތް ބަޔަކާއި” ހަވާލުކޮށްގެން، އެޑްވާންސް ފައިސާ ވެސް ދޫކޮށްފައިވަނީ، ނަމަވެސް އެ މަސައްކަތުގެ އެއްވެސް އަމަލީ މަސައްކަތެއް ނުހިނގާ. ދެން އަޅުގަނޑުމެނަށް ފާހަގަކުރެވުނީ ގާނޫނީގޮތުން ފުރިހަމަ ކުރަންޖެހޭ ފމަރުހަލާތައް ފުރިހަމަކޮށްގެން، އެފަރާތާއެކު ވެފައިވާ އެއްބަސްވުންތައް ބާތިލްކުރުމަށް. އެއަށް ފަހު ވާނީ އެހެން ފަރާތަކާއެކު އަމަލީ މަސައްކަތްތައް ކުރިއަށް ގެންދަން ފަށާފައި.”
މިނިސްޓަރު ގީލާ ވިދާޅުވީ، ސިއްހީ ދާއިރާ ކުރިއެރުވުމަށް އެކި ފަރާތްތަކާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއްގެ އެއްބަސްވުން ބާތިލުކުރަން ޖެހިފައިވާ ކަމަށެވެ. އަދި ދައުލަތުން ދޫކުރި 60 މިލިއަނަށްވުރެ ގިނަ ރުފިޔާ އިސްރާފުވާން ދިމާވީ، އެކި ކޮންޓްރެކްޓަރުންނާ މަސައްކަތްތައް ހަވާލުކޮށްގެން ކުރިއަށް ނުގެންދެވުމުގެ ސަބަބުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިހާރު ސަރުކާރުން ކުރަމުންދާ މަސައްކަތަކީ، ގެއްލިފައިވާ އެ ފައިސާ ގާނޫނީ ހަމަތަކުގެ މަތިން އަނބުރާ ހޯދުމާއި، އެކަމާ ގުޅިގެން ފުރިހަމަކުރަންޖެހޭ ގާނޫނީގޮތުން އެފައިސާ ހޯދުން ކަމަށް މިނިސްޓަރުވި ދާޅުވިއެވެ،މިނިސްޓަރުގެ ވާހަކަފުޅާ ގުޅިގެން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު ސަލީމް ވިދާޅުވީ، މަޝްރޫއުތަކަށް ފައިސާ ދޫކުރުމަށްފަހު މަސައްކަތް ނުކޮށް ހުރި މައްސަލަތައް މިހާރު މާލިއްޔަތު ކޮމިޓީއަށް ހުށަހަޅަމުންދާ ކަމަށެވެ. އަދި އެ މައްސަލަތައް ކޮމިޓީން ފުރިހަމައަށް ބަލައި ދިރާސާކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.