ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓް ސަރަހައްދު ސާފުކުރުމަށް ހިންގި ބޮޑު ހަރަކާތުގައި، އެ ސަރަހައްދުން އެކަނިވެސް 670 ޓަނުގެ ކުނި ސާފުކޮށްފިއެވެ.
މިއީ ގާތްގަނޑަކަށް 450 އާއި 500 އާ ދެމެދުގެ އަދަދެއްގެ ކާރުގެ ބަރުދަން ކަމަށްވާއިރު، މާދަމާގެ ނިޔަލަށް އެ ސަރަހައްދުގައި ބާކީ ހުރި ކުނިތައް އެއްކޮށް ސާފުކޮށް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ، ހުޅުމާލޭގައި މަދިރި އާލާވާ ތަންތަން ނައްތާލުމަށް އެޗްޑީސީން ހިންގާ ‘މަދިރިން ރައްކާ’ ޕްރޮގްރާމުގް ގެ ދަށުން ކުރިއަށް ގެންދިޔަ ސާފުކުރުމުގެ ހަރަކާތެކެވެ.
އެޗްޑީސީ، އެފްޑީސީ، ފުލުހުން، ވެމްކޯ އަދި މޯޕާ ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތުގެ ތަފްސީލު އެޗްޑީސީގެ މާކެޓިންގ ހެޑް މަލްޝާ ޝަރީފް ވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައެވެ.
މަލްޝާ ވިދާޅުވީ ސާފުކުރުމުގެ މަސައްކަތްތައް އަދި މުޅިން ނުނިމޭ ކަމަށާއި، މިއަދުވެސް ޓީމުތަކުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި އެޗްޑީސީގެ އަމާޒަކީ މިއަދުގެ ނިޔަލަށް އެ ސަރަހައްދުގައި ހުރި ކުނިތައް އެއްކޮށް ސާފުކޮށް ނިންމާލުންކަން ފާހަގަކުރެއްވިއެވެ.
ނިމިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން، އަލަށް އިމާރާތްކުރި ފަހި ފްލެޓްތަކަށް މީހުން ދިރިއުޅެން ބަދަލުވާން ފަށާފައިވެއެވެ. ނަމަވެސް، އެ ދުވަހުން ފެށިގެން އެ ސަރަހައްދުގެ ވަށައިގެންވާ ހުސްބިންތަކަށް ކުނި އެޅުމާއި، ކުނި ޖަމާވަމުންދާ މައްސަލަ ވަނީ ވަރަށް ބޮޑަށް ބޮޑުވެފައެވެ.
އެފްޑީސީން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ އަށް މަސްދުވަހުގެ ތެރޭގައި އެ ސަރަހައްދުން ކުނި ނަގައި ސާފުކުރުމަށް އެކަނިވެސް 13.5 މިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޖުމްލަ 5،040 ޓަނުގެ ކުނި އެ ސަރަހައްދުން ސާފުކޮށްފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.