ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ އެކިކަންކޮޅުތަކަށް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، ގދ. ގައްދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.
މި ޚިދުމަތާއެކު ގައްދޫގެ އިތުރުން އެ ސަރަހައްދުގެ ރައްޔިތުންނަށް ދަތުރުފަތުރަށް ކުރަންޖެހޭ ހޭދަ ކުޑަވެ، ފަސޭހަކަމާއެކު ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ މަގު ވަނީ ތަނަވަސްވެފައެވެ.
ސަރުކާރުން ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް ގެންގުޅޭ ހަރުދަނާ ސިޔާސަތުގެ ދަށުން، މާލެއަށް ބަރޯސާނުވެ ރަށްރަށުން ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމަކީ ރައްޔިތުންގެ ޖީބަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެކެވެ. މިއީ އަތޮޅުތެރޭގެ ތަރައްގީއަށާއި ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ދޭ ބޮޑު އަހައްމިއްޔަތުކަން ހާމަކޮށްދޭ، ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި އެޅުނު މުހިއްމު ފިޔަވަޅެކެވެ.
ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، މާލެ އާއި ހުޅުމާލޭގެ އިތުރުން ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ބ. އޭދަފުށި، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ، ޏ. ފުވައްމުލައް، ސ. ހިތަދޫ/ހުޅުމީދޫ، ގދ. ތިނަދޫ އަދި ގދ. ގައްދޫން މިހާރު ޕާސްޕޯޓުގެ ޚިދުމަތް ދެމުން އާދެއެވެ.