ދިވެހި ބަހާއި، ފަންނާއި ސަގާފަތުގެ ދާއިރާއަށް އިސްކަންދިނުމަކީ މުޅި ގައުމުގެ ކުރިއެރުމަށާއި، އަންނަން އޮތް ޖީލުތަކަށް ގައުމިއްޔަތު ފޯރުކޮށްދިނުމަށްޓަކައި މުހިންމު ކަމެއްކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ހީނާ މިފަދައިން ވިދާޅުވީ، ނައިފަރުން ކައުންސިލުން އިންތިޒާމުކޮށްގެން އެރަށުގައި ބޭއްޗި ނައިބޮލި މަދަހަ މުބާާރާތް ނިންމުމުގެ ރަސްމިއްޔާރު ޝަރަފުވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ވަޒީރު ހީނާ ވަލީދު އިތުރަށް ވިދާޅުވީ، ދިވެހި ބަހާއި، ސަގާފަތާއި، ތަރިކަ ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ވާސިލުކޮށްދިނުމަކީ މުޅި ގައުމާ ގުޅިފައިވާ އެންމެންގެ ބޮޑު ޒިންމާއެއް ކަމަށެވެ. އަދި މާދަރީ ބަސް ހިމާޔަތްކޮށް، ސަގާފަތާއި ގައުމީ ސިފަތައް ދެމެހެއްޓުމަކީ މުޅި މުޖުތަމައުގެ ބައިވެރިވުން ބޭނުންވާ މުހިންމު ވާޖިބެއްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މިނިސްޓަރު ވިދާޅުވީ އެ މިނިސްޓްރީއިން މިފަދަ ހުނަރުތައް ތަރައްގީކުރުމަށް، އަދި ސަގާފަތާއި ތަރިކަ ރައްކާތެރިކުރުމުގެ މުހިއްމު މަސައްކަތްތަކެއް ހިމެނޭ ކަމަށެވެ.އެހެންކަމުން ކައުންސިލުން ފާހަގަކުރެއްވިގޮތަށް، މި ދާއިރާއިން ބޭނުންވާ ފަންނީ އެހީތެރިކަމާއި އެއްބާރުލުން މިނިސްޓްރީގެ ފަރާތުން ލިބޭނެކަމުގެ ޔަގީންކަން ހީނާ ދެއްވިއެވެ.
“ނައިފަރަކީ އިލްމީ ނަސްލަކުން އައިސްފައިވާ އިލްމީ ރަށެއް.އިސްލާމްދީނަށް ލޯބިކުރާ، އަދަބިއްޔާތަށް ލޯބިކުރާ، އިލްމީ އެތައް ދަރިންތަކެއް އުފަންވެފައިވާ ރަށެއް. އަދި ހަމައެއާއެކީގައި ނައިފަރުން ގިނަ އަދަދެއްގެ ޅެން ވެރިންވެސް އުފެދިފައިވާކަން ވެސް ފާހަގޮށްލަން.”
މިނިސްޓަރުގެ ވާހަކަފުޅުގައި ނައިފަރުގައި އަދަބިއްޔާތުގެ ދާއިރާއިން ވެސް ފުންނާބު އުސް ބޭފުޅުން ތިބިކަން ފާހަގަކުރެއްވިއެވެ. ވަޒީރުގެ ވާހަކަފުޅުގައި، ކުޑަކުދިންނާއި އިސްރަށްވެހީންގެ ހުނަރުތައް ދައްކާލުމަށް ނައިފަރު ކައުންސިލުން މެދުނުކެނޑި މި މުބާރާތް ބާއްވަމުންދާތީ އެކަން ފާހަގަކުރައްވައި ކައުންސިލަށް ތައުރީފާއި ޝުކުރު އަދާކުރެއްވިއެވެ.
ދިވެހިބަހާއި، ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން އަންނަނީ ރަށްރަށުގެ ކައުންސިލްތަކާއި މަދަނީ ޖަމުއިއްޔާތަކާ ގުޅިގެން، ރަށްރަށުގައި ހުރި ސަގާފީ ހުނަރުތަކާއި އާދަކާދަތައް ދިރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ވަކިން ޚާއްޞަކޮށް، އަތޮޅުތެރޭގެ ރަށްރަށުގައި ދިވެހި ބަހާއި، ފަންނާއި، ސަގާފަތް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ކައުންސިލްތަކުން އިސްނަގައިގެން ހިންގާ މިފަދަ ހަރަކާތްތަކަށް ސަރުކާރުން އަބަދުވެސް އެއްބާރުލުންދީ، އެހީތެރިކަން ފޯރުކޮށްދެމުންދާކަން އެ ވުޒާރާއިން ފާހަގަކުރެއެވެ.