މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫއާ ގުޅޭގޮތުން، މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ކަމާގުޅޭ މުހިންމު ފަރާތްތަކާ މަޝްވަރާކޮށްފިއެވެ.
އެމްޕީއެލްއިން ހާމަކުރި ގޮތުގައި ހޮޓެލް ޖެންގައި މިއަދު ކުރިއަށްދިޔަ ބައްދަލުވުމަކީ، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާ ގުޅިގެން ކުންފުނީގެ ސްޓޭކްހޯލްޑަރުންނާއެކު ބާއްވަމުން އަންނަ ސިލްސިލާ މަޝްވަރާތަކުގެ ތެރެއިން ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.
އެމްޕީއެލްއިން ހާމަކުރި ގޮތުގައި މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ، ކުންފުނީގެ އެންމެ މުހިންމު ސްޓޭކްހޯލްޑަރުން ކަމަށްވާ ޝިޕިންގް އެޖެންޓުންނާއި، “ސީ-ޓު-އެއާ ކާގޯ” ގެ ހިދުމަތްދޭ އެއާލައިން އެޖެންޓުންގެ އިތުރުން ފްރައިޓް ފޯވާޑަރުންގެ ހިޔާލާއި މަޝްވަރާ ހޯދުމެވެ.
މި ބައްދަލުވުމުގެ ބައިވެރިން ވަނީ ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުން އޮޕަރޭޝަންތަކަށް ގެނެވިދާނެ ބަދަލުތަކާ ގުޅޭގޮތުން، އެބޭފުޅުންގެ ތަޖުރިބާގެ އަލީގައި މުހިންމު ހިޔާލުތަކެއް ހިއްސާކުރައްވާފައެވެ. މި މަޝްރޫއާ ގުޅިގެން އެމްޕީއެލްއިން މިހާތަނަށް ސަރުކާރުގެ މިނިސްޓްރީތަކާއި، ކަމާގުޅޭ އިދާރާތަކުގެ އިތުރުން ވިޔަފާރިވެރިންނާ ވެސް ބައްދަލުކޮށްފައިވާއިރު، ކުރިއަށް އޮތް ތަނުގައި އެހެނިހެން ސްޓޭކްހޯލްޑަރުންނާ ބައްދަލުކުރުމަށް ވެސް ވަނީ ރޭވިފައެވެ.
އެމްޕީއެލްއިން ފާހަގަކުރި ގޮތުގައި މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، ތިލަފުށީ ބަނދަރު ތަރައްގީކުރާނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭގޮތަށެވެ. އަދި އެ ބަނދަރު ވެގެންދާނީ އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ޒަމާނީ ވަސީލަތްތައް ހިމެނޭ ފެންވަރު ރަނގަޅު ބަނދަރަކަށެވެ.
ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމަކީ ރައީސް ޑރ. މުއިއްޒުގެ މުހިންމު އިގްތިސާދީ ވައުދުފުޅެކެވެ. އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި ހުޅުވަން އަމާޒު ހިފާފައިވާ މި ތަނަކީ ޒަމާނީ ވަސީލަތްތަކުން ފުރިހަމަވެފައިވާ “ސްޓޭޓް އޮފް ދި އާޓް” މަލްޓި-ޕާޕަސް ބަނދަރެކެވެ. މި ބަނދަރުން ވިޔަފާރިވެރިންނަށާއި ސްޓޭކްހޯލްޑަރުންނަށް 24 ގަޑިއިރު ހިދުމަތް ލިބޭނެއެވެ.
މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަކީ ގިނަ ދުވަސްތަކެއް ވަންދެން ހައްލުނުވެ އޮތް ބޮޑު މައްސަލައެކެވެ. ރާއްޖެއަށް އެތެރެކުރާ މުދަލުގެ ނިސްބަތް އަހަރަކުން އަހަރަކަށް އިތުރުވަމުންދާއިރު، މިހާރުގެ ބަނދަރުގެ ކެޕޭސިޓީ ކުޑަވުމުގެ ސަބަބުން މުދާ ކްލިއާކުރުމުގައާއި ބޯޓުފަހަރު ކިއޫގައި އޮންނަންޖެހުމުގެ ސަބަބުން ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިވެއެވެ.