ކޮކޮނަޓް ލީފް ބީޓްލް (ކުދި ރުކުމަޑި) އަށް ޤުދުރަތީގޮތުން ޙަމަލާދޭ ފައިދާހުރި ސޫފާސޫފި އާލާކުރުމަށްޓަކައި ޤާއިމުކުރި “ޕާމް ޕެސްޓް ބައިއޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިންގ ސެންޓަރު” ރަސްމީކޮށް ހުޅުވައިފިއެވެ.
ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަރުކަޒު ހުޅުވައިދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަދި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗައިނާގެ ސަފީރު ކޮންގް ޒިއަންހުއާ އެވެ.
ފިޝަރީޒް މިނިސްޓްރީއިން ބުނީ، މި ސެންޓަރަކީ ޗައިނާ ސަރުކާރާއި އެ މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދާ “މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް” ގެ ދަށުން ތަރައްޤީކުރި މުހިންމު ވަސީލަތެކެވެ. މި މަޝްރޫޢުގެ ދަށުން އެކުލަވައިލެވުނު “އިމްޕްލިމެންޓޭޝަން އެގްރީމެންޓް ފޯ ދަ އެސިސްޓެންސް ޕްރޮޖެކްޓް އޮން ކޮކޮނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އިން މޯލްޑިވްސް” އެއްބަސްވުމުގައި، ފިޝަރީޒް މިނިސްޓްރީއާއި ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްއާ ދެމެދު ސޮއިކޮށްފައިވަނީ 14 ޖުލައި 2025 ގައެވެ.
މި މަޝްރޫޢަކީ ޗައިނާގެ އެންވައިރަންމަންޓް އެންޑް ޕްލާންޓ ޕްރޮޓެކްޝަން ރިސާޗް އިންސްޓިޓިއުޓް ގެ ފަންނީ އެހީތެރިކަމާއެކު ކުރިއަށްދާ މަސައްކަތެކެވެ. މިއީ ޗައިނާއިން ބޭރުގައި މިފަދަ ބަޔޮލޮޖިކަލް ކޮންޓްރޯލް ސެންޓަރެއް ޤާއިމުކުރި ފުރަތަމަ ފަހަރުވެސް މެއެވެ.
މި ސެންޓަރުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ:
- ޤުދުރަތީ ސޫފި އާލާކުރުން: ކުދި ރުކުމަޑި ނައްތާލުމަށްޓަކައި އެ ސޫފިތަކުގެ ލާވާއަށް ޙަމަލާދޭ ފައިދާހުރި “ޕެރަސައިޓޮއިޑް” ވޯސްޕް ލެބޯޓްރީގައި އާލާކުރުން.
- ތިމާވެއްޓާ ރައްޓެހިވުން: ކެމިކަލް ބޭނުންކުރުން މަދުކޮށް، ޤުދުރަތީ ނިޒާމުގެ ތެރެއިން ރުއްތަކަށް ޖެހޭ ބަލިތައް ކޮންޓްރޯލްކުރުން.
- ދެމެހެއްޓެނިވި ދަނޑުވެރިކަން: ރާއްޖޭގެ ރުއްތަކުގެ ދިރުން ހިމާޔަތްކޮށް، ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުން
ފިޝަރީޒް މިނިސްޓްރީއިން މައުލޫމާތު ދިންގޮތުގައި، ދިވެހިރާއްޖެއިން އެންމެ ފުރަތަމަ ކޮކޮނަޓް ހިސްޕިޑް ބީޓްލް ފެނިފައިވަނީ 1999 ވަނަ އަހަރުގެ ޑިސެންބަރު މަހު އަރިއަތޮޅު ސަން އައިލެންޑް ރިސޯޓުންނެވެ. މި މައްސަލަ 2000 ވަނަ އަހަރުގެ ކުރީކޮޅު ސަރުކާރުގެ ސަމާލުކަމަށް އައުމާ ގުޅިގެން، މި ޕެސްޓް ފެތުރުން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން 2003 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު އދ. ގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން އާ ގުޅިގެން “އިންޓަގްރޭޓެޑް ޕެސްޓް މެނޭޖްމަންޓް އޮފް ކޮކޮނަޓް ހިސްޕިޑް ބީޓްލް” މަޝްރޫޢު އިފްތިތާޙުކޮށް، ޕެރަސިޓޮއިޑް އާލާކޮށް ބަލިޖެހިފައިވާ ސަރަޙައްދުތަކަށް ދޫކުރުމުގެ މަސައްކަތް ފެށިއެވެ.
އިތުރުން، ރާއްޖޭގެ ފިޝަރީޒް މިނިސްޓްރީއިން ދަނީ ރާއްޖެއަށް ރުއް އެތެރެކުރުމުގެ އުޞޫލުތައް ހަރުދަނާކުރުމާއި، އެއް ރަށުން އަނެއް ރަށަށް ރުއް އުފުލުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަން ކައުންސިލްތަކާ ހިއްސާކުރުމުގެ މަސައްކަތްތަކުގެ އިތުރުން، ޕެސްޓަށް އާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގައި، ޕެސްޓް ކޮންޓްރޯލްކުރުމަށްޓަކައި ކަރަންޓީންގެ މިންގަނޑުތައް ވެސް ތަންފީޒުކުރަމުންނެވެ.
ނަމަވެސް، މި ޕެސްޓާއި ހުދުކޫޑި ފަދަ ރުއްތަކަށް ޖެހޭ ބަލިތައް އެދެވޭ މިންވަރަކަށް ކޮންޓްރޯލްކުރުމުގައި މިހާރުވެސް ގިނަގުނަ ގޮންޖެހުންތަކެއް ހުރިކަން މިނިސްޓްރީއިން ފާހަގަކުރެއެވެ. އެހެންކަމުން، އަލަށް މި ފެށުނު ބޮޑު މަޝްރޫޢުގެ ސަބަބުން މިފަދަ ބަލިތައް ދެމެހެއްޓެނިވި ގޮތެއްގައި ކޮންޓްރޯލްކޮށް، އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް ފަހި ވެގެންދާނެއެވެ.
މިއީ ޒަމާނުއްސުރެ ދިވެހި ދަނޑުވެރިންނަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ކާމިޔާބު މަސައްކަތްތަކުގެ ތެރެއިން އެޅުނު ވަރަށް ތާރީޚީ އަދި އުންމީދީ ފިޔަވަޅެކެވެ.